ޚަބަރު

ރިޒާވާ ބެހޭގޮތުން ފެތުރެމުންދަނީ ސައްހަނޫން މަޢުލޫމާތުތަކެއް


ދައުލަތުގެ ރިޒާވާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭގޮތަށް މަޢުލޫމާތު ނުފެތުރުމަށާއި އެމްއެމްއޭއިން ޝާއިޢުކުރާ ރިޕޯޓްތަކުގައި ހިމެނޭ މަޢުލޫމާތުތައް މާނަ އޮޅޭފަދަ ގޮތަކަށް ބޭނުން ނުކުރުމަށް މަރުކަޒީ ބޭންކުން އިލްތިމާސްކޮށްފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިގޮތަށް ހާމަކޮށްފައިވަނީ، ބައެއް މީޑިއާތަކުގައި ދައުލަތުގެ ރިޒާވާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާއި ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްއެމްއޭއިން ބުނީ، ރިޒާވާ ގުޅޭގޮތުން ހަގީގަތް އޮޅޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރަމުން ދާކަމަށް އޮތޯރިޓީ އަށް ފާހަގަކުރެވޭކަމަށެވެ.

ދައުލަތުގެ ރިޒާވް އަކީ މަހުން މަހަށް ބަދަލު އަންނަމުން ދާ އެއްޗެއްކަމަށާއި، މިފަދަ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވަނީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑިޕޮސިޓާއި ޔޫޒަބަލް ރިޒާވަށް އަންނަ ބަދަލުތަކަށް ކަމަށާ، ޔޫޒަބަލް ރިޒާވަށް އަންނަ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ސަރުކާރާއި އެމްއެމްއޭއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއާއި އަދި އެމްއެމްއޭއިން ބޭރު ފައިސާގެ މާކެޓަށް ވިއްކާ ޑޮލަރާއި ސަރުކާރުގެ ބޭރު ފައިސާގެ ޕޭމަންޓްތައް ހެދުމަށް ވިއްކާ ޑޮލަރަށެވެ.

މިގޮތުން ތިންވަނަ ކުއާޓަރުގެ ބުލެޓިންގެ ޗާޓު 10 އިން ދައްކުވައިދޭ ފަދައިން ދައުލަތުގެ ރިޒާވް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވަނީ މައްޗަށް ގޮސްފައިވާކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ރިޒާވް ކޮންމެވެސް މިންވަރަކަށް ދަށްވެފައިވެއެވެ.

ނަމަވެސް، 2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 2016 ވަނަ އަހަރަށް ވުރެން އިތުރުވެ، 480.1 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. އަދި 2018 ވަނަ އަހަރު ނިމޭއިރު, މި އަދަދު 593.6 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށްވެސް އެއޮތޯރިޓީން ލަފާކުރެއެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި އިގްތިސާދުގެ އެހެނިހެން ބައިތަކަށް ބަލާއިރު، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރު ހަލުއިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. އަދި ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓި، އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓް ޑެފިސިޓް ދަށްވާނެކަމަށްވެސް އަންދާޒާކުރެވެއެވެ.

އެހެންކަމުން ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށް އެމްއެމްއޭއަށް ލަފާކުރެވޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ، އެއޮތޯރިޓީން ޝާޢިއުކުރާ ރިޕޯޓްތަކުގެ މަގްސަދަކީ އިގްތިސާދީ ދާއިރާ އާއި މާލީ ދާއިރާއާ ގުޅޭގޮތުން އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކޮށް ތަފާސްހިސާބުތައް ވަގުތުން ވަގުތައް ފޯރުކޮށްދިނުންކަމަށެވެ. އަދި މި ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުތައް އެކުލަވާލުމުގައި އެމްއެމްއޭއިން ވަކި މިންގަނޑުތަކެއް ހިފަހައްޓަމުންދާކަމަށް އެއޮތޯރިޓީން ބުނެއެވެ.