ތަޢުލީމު

ބޮންޑް އިންޓަނޭޝަނަލް ސުކޫލުން ދިވެހިންނަށް ޑިސްކައުންޓްތަކެއް


ސްރީލަންކާގެ ބޮންޑް އިންޓަނޭޝަނަލް ސުކޫލާއި އެޤައުމުގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ލަންކާގައި ހުންނަ ދިވެހި އެންބަސީން މައުލޫމާތުދެއެވެ. އެގޮތުން އެމްއީސީސީ މެދުވެރިކޮށް ބޮންޑް އިންޓަނޭޝަނަލް ސުކޫލަށް ވަންނަން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެޑްމިޝަން ފީން 25 އިންސައްތަ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ކޯސް ފީދައްކަން އުނދަގޫވެއްޖެ ހާލަތެއްގައި އިންސްޓޯލްމަންޓަށް ދެއްކޭނެ އިންތިޒާމް އެ ސުކޫލުން ދިވެހިންނަށް ފަހިކޮށްދޭނެއެވެ. މީގެ އިތުރުން އެ ސުކޫލުން އޯލެވެލްއަށް ހިންގާ ޚާއްސަ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހި ދަރިވަރުންނަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް ދިވެހި އެންބަސީން މައުލޫމާތުދެއެވެ.

ބޮންޑް އިންޓަނޭޝަނަލް ސުކޫލަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސަމާލުކަމެއްދީގެން ތައުލީމްދޭ ސުކޫލެކެވެ. މިއެއްބަސްވުމުގެ ދަށުން މި ރޮނގުން ދިވެހިކުދިންނަށް އިންޓާންޝިޕް ހެދުމުގެ މަގުވެސް ފަހިވާނެއެވެ.

ބޮންޑް އިންޓަނޭޝަނަލް ސުކޫލާއި ދިވެހި ސަރުކާރާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރީ އަންގާރަދުވަހުއެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފެވެ. ބޮންޑް އިންޓަނޭޝަނަލް ސުކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސުކޫލުގެ ސީއީއޯ އަދި ޕްރިންސިޕަލް އާނަންދަ ރޮބިންސަންއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސްރީލަންކާގައި ހުންނަ ދިވެހި އެންބަސީގެ ސެކަންޑް ސެކެޓްރީ ހުސައިން މާޒިން ވިދާޅުވީ މި އެއްބަސްވުންތަކުގެ މަޤްސަދަކީ ދިވެހި ކުދިން ތައުލީމް ޙާސިލްކުރަމުންދާ ސުކޫލްތަކާއި ކޮލެޖްތަކާއިއެކު ގާތްގުޅުމެއް ޤާއިމްކުރުންކަމަށެވެ.

މީގެ ކުރިންވެސް އެމްއީސީސީން ވަނީ ސްރީލަންކާގެ ދެ ކޮލެޖަކާއިއެކު އެއްބަސްވުންތަކުގައި ސޮއެކޮށްފައެވެ. އެއީ މެޓްރޯޕޮލިޓަން ކޮލެޖާއި، ސްޕެކްޓްރަމް ކޮލެޖެވެ. ލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ތައުލީމު ޙާސިލްކުރަމުންދާ ޤައުމެކެވެ.