ވިޔަފާރި

އެސްޓީއޯ - ރައްޔިތުންގެ ޚިދުމަތުގައި 53 އަހަރު


ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ ވޭތުވެދިޔަ 53 އަހަރު ގިނަގުނަ މަސައްކަތްތަކެއްކޮށް ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ބޭނުންވާ ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އަކީ ރާއްޖޭގެ ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. 1964 ވަނަ އަހަރު ރާއްޖޭގައި އޭރު އޮތް ސަރުކާރުން އަތިރިމާފަންނު ޓްރޭޑިންގ އެކައުންޓް، (އޭޓީއޭ) ޓްރޭޑިންގެ ނަމުގައި ވިޔަފާރިއެއް ފަށްޓަވާ ރާއްޖެއިން ބޭރުން ތަކެތި އެތެރެކޮށް ވިއްކަން ފެށިއެވެ.

އޭރު ރާއްޖޭގެ ސަރުކާރުން ފެށްޓެވި މިކުޑަ ވިޔަފާރި ފުޅާވެގެން ދިޔައީ ތާރީޚުން އެނގެން އޮތް ގޮތުގައި 9 ޖޫން 1979ވަނަ އަހަރުގައެވެ. އެކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސަރުކާރުން އޭރު ކުރަމުން ދިޔަ ހުރިހާ ވިޔަފާރިއެއް އެސްޓީއޯގެ ބެލުމުގެ ދަށަށް ގެންދިއުމެވެ. އޭގެފަހުން ރާއްޖޭގެ އިޤްތިސާދު ކުރިއަރައިގެން އަންނަންފެށިއެވެ. ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އުފެއްދި އެސްޓީއޯއަށް މިހާރު މިވަނީ 53 އަހަރު ފުރިފައެވެ. 

img:http://s4.psmnews.mv/images/660x400/14866410058409.jpg|އެސްޓީއޯ ސްޕަރ މާރޓު- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ މަޤްޞަދަކީ ފައިދާހޯދުމުގެ ބަދަލުގައި ކޮލެޓީ އުފެއްދުންތަކެއް އަތްފޯރާފަށުގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. 

އެސް.ޓީ.އޯ އިން ވިޔަފާރީގެ ދާއިރާގައި ބޮޑެތި ކުރިއެރުންތައް ޙާޞިލްކުރަމުންދާއިރު، އެކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އެގޮތުން އެސްޓީއޯގެ ވިޔަފާރި މައިގަނޑު 4 ދާއިރާއެއްގައި މިހާރު ވަނީ ފުޅާކޮށްފައެވެ. އެއީ ތެލާއި ކާޑުގެ ވިޔަފާރިއާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި އަދި ޞިއްޙީ ދާއިރާގެ ވިޔަފާރިއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި، ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏެވެ. އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ މައިގަނޑު ކާޑުގެ ބާވައްތަކަކީ ހަނޑޫ، ހަކުރު، ފުށެވެ. 

img:http://s4.psmnews.mv/images/660x400/14663399280520.jpg|އެސްޓީއޯއިން ރޯދައަށް ގެނެސްފައިވާ އަލުވި އަދި ފިޔާގެ ޝިޕްމަންޓެއް / ފައިލް ފޮޓޯ: އެސްޓީއޯ

އެސްޓީއޯއަކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމާއި ރައްޔިތުންނަށް ކުޑައަގެއްގައި އެތަކެތި ލިބިދިނުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވާ ކުންފުންޏެވެ. އެކުންފުނިން ރައްޔިތުންނަށް، ސަރުކާރުން ކަނޑައަޅުއްވާ ހެޔޮއަގުގައި ކާޑު ވިއްކުމަށް މަގުފަހިކުރެއްވުމަށް ސަރުކާރުން ކޮންމެ އަހަރަކު އެތައް މިލިޔަން ރުފިޔާއެއްގެ ސަބްސިޑީ ގެންދަވަނީ ދެއްވަމުންނެވެ.

img:http://s2.psmnews.mv/images/660x400/7737.jpg|އެސްޓީއޯއިން އަތޮޅު ތެރޭގައި ހުޅުވާފައިވާ ފާމަސީއެއް / ފޮޓޯ: އެސްޓީއޯ

ތެލަކީ އެސްޓިއޯގެ ވިޔަފާރީގެ 80 އިންސައްތަ އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެވެ. ތެލުގެ ވިޔަފާރިކުރާ އާންމު ބައެއް ކުންފުނިތަކާ ގުޅިގެން 2001 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ މަސައްކަތް ފެށިއެވެ. ޝަހީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެސްޓީއޯއިން އިސްކަމެއް ދޭކަމެއްކަމަށެވެ. އެގޮތުން މިކަމަށް ގިނަ އިންވެސްޓްމަންޓެއް ކުރެވެމުންދާކަމަށް ޝަހީރު ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14680791960126.jpg|އެސްޓީއޯއިން ތެޔޮ ރައްކާކުރާ ރަށް ފުނަދޫގައި ތެޔޮބޯޓެއް ބަނދަރުކޮށްފައި - ފައިލް ފޮޓޯ: އެސްޓީއޯ

ފާއިތުވި 53 އަހަރު އެސްޓީއޯއިން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރެއިން އެސްޓީއޯ ފާމަސީ ކޮންމެ ރަށެއްގައި ގާއިމް ކޮށްފައިވުމަކީ ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ. 

ކައްކާ ގޭސް ހުސްވުމާ އަދި ކައްކާ ގޭހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން އަމިއްލަ ކުންފުންޏަކާ ގުޅިގެން ގޭސް ބަންދު ކުރުމުގެ މަސައްކަތް ފެށީ 30 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްގެންނެވެ. މިއަދު ގޭހުގެ ވިޔަފާރީގައި އެންމެ ކުރީގައި އޮތް މޯލްޑިވްސް ގޭސްއަކީ އެސްޓީއޯގެ އިސްނެންގެވުމަކާއިއެކު ކުރެވުނު ދިވެހި ރައްޔިތުނަނަށް ފައިދާވި މަސައްކަތެކެވެ. 

މިނޫނަސް ދިވެހިރައްޔިތުންނަށް ބޭނުންވާނެ ތަފާތު ދާއިރާއަކުން އެސްޓީއޯއިން ވަނީ ފާއިތުވި 53 އަހަރުގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެސްޓީއޯއަކީ ރާއްޖެއަށް އަބަދުވެސް އާ ސިނާއަތްތައް ތަޢާރަފްކުރާ ކުންފުންޏެކެވެ. އަދި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިރައްޔިތުންނަށް ބޭނުންވާނެ މުދާ އަބަދުވެސް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.