ޚަބަރު

މެލޭޝިޔާ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤާއި، އަނބިކަނބަލުން ރޮސްމާހް މަންސޫރު މިއަދި ހަވީރު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެދެބޭފުޅުންނަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމެވެ.

މެލޭޝީޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގަތެވެ.

މިދަތުރުފުޅުގެ ރަސްމީބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނާއި މެންދުރު ފަހުއެވެ. މާދަމާ ހެނދުނު މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން މާލެ ވަޑައިގަންނަވާނެއެވެ. އަދި ރަސްމީކޮށް އެދެކަނބަލުންނަށް މަރުޙަބާ ދެންނެވުން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަދާއި މާދަމާ މެލޭޝިޔާގެ ބޮޑުވަޒީރު ކުރައްވާ މިދަތުރުފުޅުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1984 ވަނަ އަހަރުއެވެ. އެހެންކަމުން ނަޖީބް ރައްޒާޤް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ 33 އަހަރަށްފަހު އެޤައުމުގެ އެންމެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ. މިއަހަރަކީ ދެޤައުމުގެ ގުޅުމަށް 49 އަހަރު ފުރޭ އަހަރެވެ. ޚާރިޖީ ގުޅުން ޤާއިމުކުރި ފަހުން މެލޭޝިޔާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާއީ، އަދި އަސްކަރީ ބައިވެރިއެކެވެ. އެގޮތުން އެދާއިރާތަކުން ދެޤައުމުންވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.