ކުޅިވަރު

ކޮސްޓާއަށް ކުޅެވެން ފެށުމުން ޓޮރޭޒް ބާކީވަނީ!


ޑިއެގޯ ކޯސްޓާއަށް ކުޅެވެން ފެށުމުން އެތްލެޓިކޯ މެޑްރިޑުން ފެނާންޑޯ ޓޮރޭޒަށް ޖާގަ ނުލިބި ބާކީވާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފިއެވެ. 

އެތްލެޓިކޯއާއެކު ޓޮރޭޒް ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ. މިހެންވެ ޓީމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ވެސް ސްޕޭނުގެ މީޑިޔާއިން ވަނީ ބުނަން ފަށައިފައެވެ.

ނަމަވެސް އެތްލެޓިކޯގެ ކުރީގެ ކެޕްޓަން ބުނީ އެއްވެސް މީހަކު އޭނަ އަށް ހަދިޔާއެއް ނުދޭނެ ކަމަށާއި އޭނާ މަސައްކަތް ކުރަނީ އާކޮންޓްރެކްޓެއް ހޯދައި ކުލަބު މަޑުކުރަން ކަމަށެވެ. އަދި އުއްމީދަކީ ވީ އެންމެ ގިނަ ދުވަހަކު އެތްލެޓިކޯ އަށް ކުޅެން ކަމަށެވެ.

އުމުރުން މިހާރު 33 އަހަރުގެ ޓޮރޭޒް ވިދާލީ ވެސް އެތްލެޓިކޯއިން. އޭނާ ކުލަބު ދޫކޮށްލީ އިނގިރޭސި ކުލަބު ލިވަޕޫލަށް ބަދަލުވުމަށެވެ. އޭގެ ފަހުން ޗެލްސީ އާއި އޭސީމިލާނަށް ވެސް ކުޅުނު ޓޮރޭޒަކީ ސްޕޭނަށް ޔޫރޯ ދެ ފަހަރު އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މުހިންމު ފޯވަޑެކެވެ.