ދުނިޔެ

ޤުދުސްގެ މައްސަލައިގައި އިންޑިޔާއިން ގޮތެއް ނިންމަން ޖެހިފައި


ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގަނެ ކުރި އިޢުލާނާމެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތު ބަޔާންކޮށްދިނުމަށް، އިންޑިއާގައި ތިއްބަވާ ޢަރަބި ބައެއް ޤައުމުތަކުގެ ސަފީރުން އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޤުދުސްގެ ސިޔާސީ ހާލަތާ މެދު އެމެރިކާއިން ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން ގެންގުޅުނު ސިޔާސަތާ ޚިލާފަށް ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށާއި އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިމަހުގެ ކުރީކޮޅު އިޢުލާނުކުރެއްވުމާއެކު މުޅި ދުނިޔެހެން ވަނީ އެމެރިކާއާ ދެކޮޅަށް މިކަމުގައި އެކަތިގަނޑަކަށްވެފައެވެ.

ވަކި އަތަކަށް ޖެހި އެމެރިކާއިން ނިންމި މި ނިންމުމަކީ ބޭއިންސާފުން ނިންމި ނިންމުމެއް ކަމަށް ޢަރަބި ގައުމުތަކުން ބުނަމުން ދާއިރު އެ ފަރާތްތަކުން ބުނެފައިވަނި އެމެރިކާގެ މި ނިންމުމަކީ ޢަރަބި ދުނިޔެ މުޅިން ހަލަބޮލިކޮށްލާނެފަދަ ނިންމުމެއްކަމަށެވެ.

އަނެއްކޮޅުން، ވިލާތުގައި އެމެރިކާއަށް ވާގިދޭ ގިނަ ގައުމުތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ޓްރަމްޕްގެ އިއުލާނާ ދެކޮޅަށް އިވެމުންދާ އަޑުތައް ކިތަންމެ ގިނަ ކަމުގައިވިޔަސް، މިކަމުގައި ވަކި އެއްޗެއް ބުނެފައިނުވާ މަދު ގައުމެއް ވެސް ފާހަގަކުރެވިފައިވެއެވެ.

ޚާއްޞަ ގޮތެއްގައި އޭޝިޔާގެ ބޮޑު ބާރެއް ކަމަށްވާ އިންޑިއާއިން މިކަން ކުށްވެރި ނުކުރާކަން ފާހަގަކުރެވެއެވެ.

އެމެރިކާގެ ނިންމުމާ ބެހޭގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ކުރު ބަޔާނުގައި ބުނެފައިވަނީ މި ކަމުގައި އިންޑިއާއިން ގެންގުޅޭ ވިސްނުމަކަށް ބަދަލެއް ނާންނަ ކަމަށާއި ތިން ވަނަ ފަރާތެއްގެ ނިންމުމަކަށް އިންޑިއާ ބަރޯސާ ނުވާކަމަށެވެ.

މި ބަޔާނުގައި ޤުދުސްގެ ނަންވެސް ގަނެފައި ނުވާނަމަވެސް ޚުދު އިންޑިއާގައިވެސް ދަނީ ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އަނެއްކޮޅުން، އެމެރިކާގެ ނިންމުމާ ވިދިގެން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ޢަރަބި ލީގުގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތަކާ ބެހޭގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ޖޫނިއާ މިނިސްޓަރު އެމް. ޖޭ އެކްބަރާ، ސައުދީ ޢަރަބިއްޔާ، ކުވައިތު އަދި މިސްރުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން ހުސްވި ހަފުތާގައި ބައްދަލުކުރެއްވި ކަމަށާއި މި ބައްދަލުކުރެއްވުމުގައި މިކަމުގައި އިންޑިއާއިން ގެންގުޅޭ ވިސްނުން އިތުރަށް ބަޔާންކޮށް ދެއްވުމަށް އެބޭފުޅުން އެދިވަޑައިގެންނެވިކަމަށް އިންޑިއާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އަދި ޢަރަބި ސަފީރުން ވަނީ މިކަމުގައި އިންޑިއާގެ މިހާރަށް ވުރެ ވަރުގަދަ ސިޔާސަތެއް ގެންގުޅުމަށް ބާރު އަޅުއްވާފައެވެ.

ފަލަސްޠީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމުގައި މައްސަލައިގައި މިހާތަނަށް އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކަމުން އައި އެއް ޤައުމަކީ އިންޑިއާއެވެ.

އެންމެ ކުރިއްސުރެ ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަމުން ދިޔަ އިންޑިއާއިން މިކަމުގައި ގެންގުޅޭ ސިޔާސަތު ބަދަލުވެފައިވަނީ މިހާރުގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުގެ ދަށުން އިސްރާއީލާއެކު ގުޅުން ބާއްވަން ފެށުމާއެކުގައެވެ.

މި ގޮތުން، އިންޑިއާގެ ބޮޑު ވަޒީރަކު އިސްރާއީލަށް ކުރެއްވި ފުރަތަމަ ދަތުރުގައި މޯދީ ޖުލައި މަހު ޔަހޫދީ ދައުލަތަށް ވަޑައިގެންނެވި އިރު ފަލަސްޠީނުގެ އިދާރާ ވެރިރަށް ކަމަށްވާ ރާމަﷲއަށް ވަޑައިގެންފައެއް ނުވެއެވެ.

އާއްމުކޮށް އެ ސަރަހައްދަށް ޒިޔާރަތްކުރައްވާ ބޭރުގެ އިސްލީޑަރުން އިސްރާއީލަށް ދަތުރެއް ކުރައްވައި ފިއްޔާ ރާމަﷲގައި ވެސް މަޑުކުރައްވައި، ފަލަސްޠީނުގެ ލީޑަރުންނާ ބައްދަލުކުރައްވައެވެ.