ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު ވިއްސާރަކުރާނެ - މެޓް


ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. 

ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއްކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އެގޮތުން މިއަދު ރާއްޖެއަށްކުރި ވިއްސާރައިގައި އެންމެ ބޮޑަށް ވާރޭވެހިފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބ.މާޅޮހާއި، ލ.އިސްދުއާއި، ގއ.ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާގުޅިގެން ފުލުހުން ވަނީ އެރަށްރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން ފެންހިންދުމާއި، ގޭގެއަށް ފެންނުވަންނާނެހެން ވެލިބަސްތާޖެހުމުގެ މަސައްކަތް ކައުންސިލްތަކާގުޅިގެން ގެންދަނީ ކުރަމުންނެވެ. މެޓް އޮފީހުން މަޢުލޫމާތުދޭގޮތުގައި މާދަމާ އެންމެބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވިފައިވަނީ އުތުރުގެ އަތޮޅުތަކަށެވެ. 

ދެކުނުގެ އަތޮޅުތަކަށް 5މޭލާއި 15މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، އުތުރުގެ އަތޮޅުތަކަށް އިތުރަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.