ޚަބަރު

ބިދޭސީންގެ ހައްޤުތައް ރައްކާތެރިކުރުމަށް ދަނީ މަސައްކަތްކުރަމުން


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދީ އެފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާގުޅުންހުރި އިދާރާތައް މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ހިޖުރަކުރާ މީހުންގެ ދުވަސް ނުވަތަ "އިންޓަރނޭޝަނަލް މައިގްރެންޓްސް ޑޭ" އާއި ގުޅުވައިގެން ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅުމާއި އިންސާނީ ވަގުފާރިކުރުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އެކަންކަން ހުއްޓުވުމަށްޓަކާ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެފަދަ ކަންކަމަށް ހުށައެޅޭ ބިދޭސީ މަސައްކަތްތެރިންނާއި ޖުމްލަކޮށް ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ކަމާގުޅުން ހުރި އިދާރާތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށެވެ. 

މި ސަރަޙައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެއަކީވެސް ނިސްބަތުން ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ޤަވާއިދާ އެއްގޮތަށް ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި ސަތޭކަ ހާހަށްވުރެ ގިނަ ބިދޭސީން ދަނީ ދިރިއުޅެމުންނެވެ. މީގެ ތެރޭގައި ގިނައީ، ފަތުރުވެރިކަމުގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއެކު މި އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

ބައިނަލްއަޤުވާމީ ހިޖުރަކުރާ މީހުންގެ ދުވަހުގެ ގޮތުގައި ހާއްސަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބިދޭސީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވާ އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް އިޙުތިރާމްކުރުމުގެ ޘަޤާފަތެއް މުޖުތަމަޢު ތެރޭގައި އާލާކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދެކެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ 'ބަދަލުވަމުންދާ ދުނިޔޭގައި ހިޖުރަކުރުން - ރައްކާތެރިކަމަކަށް ހެދުން' މިއެވެ.