ޚަބަރު

މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ދުބާއީގައި ފަށައިފި


މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ދާދި ދެންމެއަކު ދުބާއީގައި ފަށައިފިއެވެ. އިންވެސްމަންޓް ފޯރަމް ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބްދުﷲ ޖިހާދާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރ ސުލްޠާން ބިން ސަޢީދު އަލް މަންސޫރީއެވެ. 



ރާއްޖެއާއި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގަ ބާއްވާ މިއަހަރުގެ ފޯރަމްގައި 300 އަށްވުރެ ގިނަ ވިޔަފާރި ކުފުނިތަކުން ބައިވެރިވެއެވެ. އަދި ވިޔަފާރި ވެރިންނާއި އިންވެސްޓަރުން މިފޯރާމްގައި ބައިވެރިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އިންވެސްޓްމަންޓް ފޯރަމް ފައްޓަވާ ދެއްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބްދުﷲ ޖިހާދު ވިދާޅުވީ ސަރުކާރުން އުމްރާނީ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދަވާކަމަށާއި އޭގެ ސަބުބުން އިޤްތިސާދީ ކުރިއެރުން ހަލުވި ވެފައިވާކަމަށެވެ. ހަމަމިއާއެކު ފާއިތުވި ހަތަރު އަހަރުތެރޭގައި ބޮޑެތި ގިނަ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އައިސްފައިވާކަން ނައިބް ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ހުރިހާ ދައިރާއަކުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ ފޯރަމްގެ ތެރެއިން ކުރިއަށްދާ ބައްދަލުވުންތަކުން އެފުރުސަތުކާއިބެހޭ މައުލޫމާތު ހޯއްދެވުމަށް ނައިބް ރައީސް އެދިވަޑައިގެންނެވިއެވެ.

img:http://s4.psmnews.mv/images/660x400/15135810687381.jpg|މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވާހަކަ ދައްކަވަނީ

މޯލްޑިވްސް އިނެވެސްޓްމަންޓް ފޯރަމް ފައްޓަވާ ދެއްވުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މިސަރުކާރުން ހަރުދަނާ މުހިއްމު ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަކުން ރާއްޖެއަށް ފައިދާ ކުރާނެކަމަށާއި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ބޭނުންކުރާނީ ރާއްޖެ ތަރައްޤީ ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫންކަމަށާއި އިންވެސްޓްކުރުމުގެ ފުރުސަތުވެސް އިންތިހާއަށް ރައްޖޭގައި އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



"ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫން. ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރަސަތުވެސް އިންތިހާއަށް އެބައޮތް. މިއަހަރުގެ ފޯރަމްގެ ތެރެއިން މިފަދަ ފުރުސަތުތައް އެނގިގެންދާނެ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.  



މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް އިކޮނޮމީ ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ ވިދާޅުވީ ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތަކަށް ޔޫއޭއީއިން ޝައުޤުވެރިވާ ކަމަށެވެ. އެގޮތުން އޭވިއޭޝަންގެ ދާއިރާއާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި އެހެނިހެން ދާއިރާތަކުން ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޔޫއޭއީއިން ތާޢީދުކުރާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖެއާއި ގުޅިގެން ވިޔަފާރިފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރ ދެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/15135818128548.jpg|އިވެސްޓްމަންޓް ފޯރަމް ފައްޓަވާ ދެއްވުމަށްފަހު ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރ ވާހަކަ ދައްކަވަނީ

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާއި ޙިއްޞާކުރުމަށާއި، ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ ވިޔަފާރިވެރީންނާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.