ޚަބަރު

ރާއްޖޭގެ ހަކަތައާ ބެހޭ ރޯޑްމެޕެއް ތައްޔާރުކުރަނީ


ހަކަތައާ ބެހޭ ރޯޑްމެޕެއް ތައްޔާރުކޮށް އަހަރުގެ ތެރޭގައި ލޯންޗްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެންވާރަމެންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެންވާރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް މިހެން ވިދާޅުދީ ދިވެހިރާއްޖޭގެ ހަކަތައާބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް ނެރުއްވުމަށް އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ ނެރެދެއްވީ މިކަމަށްޓަކައި  އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ.

މި ފޮތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މަޢުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސްހިސާބުތަކެއް ހިމަނާފައިވާ ފޮތެކެވެ. މި ފޮތުގައި ރާއްޖޭގެ ބައެއް ރިސޯޓްތަކަކާއި ރަށްތަކުގައި ކަރަންޓު އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މަޢުލޫމާތާއި، ވޭތުވެދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތައްވެސް ހިމެނިފައިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މަޢުލޫމާތު ވެސް ހިމެނެއެވެ.

"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވާރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންޤިލާބީ ބަދަލްތަކެއް ގެންނަވާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ހަކަތައާ ބެހޭ ރޯޑްމެޕެއް ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާކަމަށާ، މިރޯޑްމެޕް މިއަންނަ އަހަރުގެ ތެރޭގައި ލޯންޗްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހަކަތަފޯރުކޮށްދިނުމަށްޓަކާ މިކަމަށް ބޭނުންވާ ޤާނޫނީ ބިލް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން ކުރިޔަށް ގެންދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017" ގެ ތަފާސްހިސާބު ދައްކާގޮތުން 2016 ވަނަ އަހަރުގެތެރޭގައި 445,036 މެޓްރިކް ޓަނުގެ ޑީސަލް، 47,794 މެޓްރިކް ޓަނުގެ ޕެޓްރޯލް، 30,611 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް، އަދި 13,619 މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުންކުރާ ގޭސް ވަނީ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އަދި 2016 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 628 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވެއެވެ. މީގެ ތެރެއިން 59.8 އިންސައްތަ ބޭނުންކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 214 މެގަވޮޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބަހައްޓާ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރު 6 މެގަވޮޓަށް އިތުރު ކޮށްފައިވެއެވެ.

މިއީ މިފަދަ ފޮތެއް ރާއްޖޭގައި ނެރުނު ތިންވަނަ ފަހަރެވެ.