ޚަބަރު

ފެނަކައިގެ މުވައްޒަފުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިމިއްޖެ


މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހިންގި ލީޑަރޝިފާއި ޓައިމް މޭނޭޖުކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމް ނިމިއްޖެއެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ފެނަކައިގެ މުވައްޒަފުން މަސައްކަތްކުރުމުގައި ގެންގުޅޭނެ އަޙްލާގާއި ވަގުތު މެނޭޖްކުރުމާއި ޙިދުމަތް ދިނުމުގައި ގެންގުޅެންވީ އުސޫލުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީންގައި ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްތައް ހިމެނޭ ގޮތަށް އަށާވީސް މުވައްޒަފުން ބައިވެރިވިއެވެ.



މިތަމްރީން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއަރމަން އިޤްބާލް އާދަމް ވިދާޅުވީ ކޮންމެ މުވައްޒަފަކުވެސް ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމާއެކު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަމަށެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މުވައްޒަފުން ތަރައްޤީކުރުމަށް މިފަދަ ތަމްރީނުތައް ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އަންނަ އަހަރުގެ ތެރޭގައިވެސް މިފަދަ އިތުރު ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށެވެ.