ޚަބަރު

ވަޒީފާއާއިގުޅޭ 318 މައްސަލައެއް ހުށައަޅާފައިވޭ - ލޭބަރ ރިލޭޝަންސް


ވަޒީފާއާއި ގުޅުންހުރި 318 މައްސަލައެއް މިއަހަރުގެ މިހާތަނަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެކި ފަރާތްތަކުން ހުށައަޅާފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. މީގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީ މުސާރައިގެ މައްސަލަތަކާއި، ރަމަޟާން މަހުގެ އިނާޔަތް ދިނުމާއި ގުޅުންހުރި މައްސަލަތައްކަން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފާހަގަކުރެއެވެ.



މި މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާލާއިރު ވަޒީފާއިން ވަކިކުރުމާއި އަޚްލާޤީ ފިޔަވަޅު އެޅުމާއި ގުޅޭ 15 މައްސަލައާއި ޕާސްޕޯޓް އަދި ވޯކް ޕާމިޓާއި ގުޅޭ 36 މައްސަލައާއި ކެއުމާއި ހުރުމާއި ގުޅޭ 4 މައްސަލައާއި މުސާރައާއި ގުޅުންހުރި 61 މައްސަލައާއި ސަރވިސް ޗާޖް އަދި އެލަވަންސްތަކާއި ގުޅޭ 10 މައްސަލަ ހުށައަޅާފައިވެއެވެ. ހަމައެހެންމެ އަސާސީ ހައްޤުތަކާއި ތަފާތުކުރުމާއި ގުޅޭ 44 މައްސަލައާއި ރަމަޟާން މަހުގެ އިނާޔަތް ދިނުމާއި ގުޅޭ 53 މައްސަލައާއި ވަޒީފާގެ އެއްބަސްވުމާއި ގުޅޭ 23 މައްސަލައާއި މަސައްކަތު ގަޑި، އިތުރު ގަޑި އަދި އޮފް ދުވަސް ދިނުމާއި ގުޅުންހުރި 21 މައްސަލަ ހަމަ މި މުއްދަތުގެ ތެރޭގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށައަޅާފައިވެއެވެ. 

މީގެ އިތުރުން އަހަރީ ޗުއްޓީއާއި ގުޅޭ 19 މައްސަލައަކާއި، ޕެންޝަނާއި ގުޅޭ 15 މައްސަލަ އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 17 މައްސަލައެއް އެ އޮތޯރިޓީއަށް އެކި ފަރާތްތަކުން ހުށައަޅާފައިވެއެވެ. މީގެ ތެރެއިން 267 މައްސަލައެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބަލާ ނިންމާފައިވާއިރު، މި ހުރިހާ މައްސަލަތަކަކީވެސް ވަޒީފާ އަދާކުރާ ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތައްކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުން މިއަހަރުގެ މިހާތަނަށް އެއްވެސް މައްސަލައެއް ހުށައަޅާފައިނުވާކަންވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން އެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ވަޒީފާ ދޭ ފަރާތްތަކުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންނަނީ ޙާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި މިފަދަ 285 އިންސްޕެކްޝަނެއް މިއަހަރު އެ އޮތޯރިޓީން ކުރިއަށްގެންގޮސްފައިވެއެވެ. 

މީގެ ތެރޭގައި، މާލެއާއި ހުޅުމާލޭ ހިމެނޭހެން 83 ތަނަކާއި، 9 ރިސޯޓެއް ބަލާފާސްކޮށްފައިވެއެވެ. ހަމައެހެންމެ ފުވައްމުލައް ސިޓީގެ 52 ތަނަކާއި، ނ. އަތޮޅުގެ 104 ތަނަކާއި، ކ. ހުރާގެ 35 ތަނެއް އިންސްޕެކްޓް ކޮށްފައިވާކަމަށްވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެއެވެ. 



ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާއި ދެމެދު އޮންނަންޖެހޭ ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާން އެންމެ އެކަށީގެންވާގޮތުގައި ހެދިފައި ނެތުން ހިމެނެއެވެ. ވަކިން ޙާއްސަކޮށް ކުދި ވިޔަފާރިތަކުގައި މިފަދަ އެއްބަސްވުންތައް ހެދިފައި ނެތުމާއި، ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގައި ވަޒީފާ ދޭ ފަރާތުން ހަދަންޖެހޭ ކޮންޓްރެކްޓް ގިނަ ތަންތަނުން ހަދާފައިނުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. މީގެ އިތުރުން ސަލާމުގެ ޗުއްޓީއާއި، އިތުރުގަޑީގެ އިނާޔަތާއި، ރަސްމީ ބަންދު ދުވަހުގެ އިނާޔަތް އަދި އޮފް ދުވަސް ދިނުމާއި ޤަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށްވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހާމަކުރެއެވެ. 

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 9 ވަނަ ބާބުގެ ދަށުން ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި ދެމެދު ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ އިދާރާއެކެވެ. އެގޮތުން ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ޢަމަލުކުރޭތޯ ބަލައި، ތަންފީޒު ކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެންމެހާކަމެއް ބަލަހައްޓަމުންދާ ފަރާތަކީ ލޭބަރ ރިލޭޝަންސް އޮތޯރިޓީއެވެ. އެ އޮތޯރިޓީން ދަނީ ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ޢަމަލުކުރުމަށް، ހޭލުންތެރިކަން އިތުރުކުރުމަށާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ލަފާދެމުންނެވެ. ހަމައެހެންމެ މި ޤާނޫނާއި، މި ޤާނޫނުގެ ދަށުންހަދާ ގަވާއިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން، ހުއްޓުވުމަށްޓަކާވެސް އެ އޮތޯރިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު މުއާމަލާތް ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދުތައް ހެދުމަކީވެސް އެ އޮތޯރިޓީގެ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ މުހިއްމުކަމެކެވެ.