ޚަބަރު

މިހަފްތާގެ ހުކުރުއުފާ ކުޑަކުދިންގެ ޙައްގުތަކަށް ޙާއްސަ


މި ހަފްތާގެ ހުކުރު އުފާގެ ހަވީރުގެ ދަންފަޅި ޙާއްސަކޮށްފައިވަނީ ކުޑަކުދިންގެ ހައްޤުތަކާއިމެދު ތުއްތުކުދިންނާއި، އެކުދިންގެ ބެލެނިވެރިން ހޭލުންތެރިކޮށް މިހާރަށްވުރެ ބޮޑަށް އެކަމަށް މުޖުތަމަޢު އަހުލުވެރިކުރުމަށެވެ. ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ހުކުރުއުފާ ފެސްޓިވަލް، މި ހަފްތާގައި ގެނެސްދީފައިވަނީ ހިއުމަސް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ގުޅިގެންނެވެ.

ހުކުރު އުފާ ފެސްޓިވަލްއަކީ ތުއްތުކުދިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއިއެކު ގިނަ ކުޅިވަރުތަކުގައި ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. އެގޮތުން މި ހަފްތާގެ ފެސްޓިވަލްގައިވަނީ ކުޑަކުދިންނާއި ގުޅުންހުރި އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ފެސްޓިވަލްއަށް ޒިޔާރަތްކުރި ކުދިންނާއި ބެލެނިވެރިންނަށް މަޢުލޫމާތުދީ އެކިއެކި ޙަރަކާތްތައް ހިންގާފައެވެ.

އެޗްއާރްސީއެމްގެ އެސިސްޓެންޓް އެޑްވޮކަސީ އޮފިސަރ މުޙައްމަދު ޒަޔާން ވިދާޅުވީ މިހަފްތާގެ ފެސްޓިވަލްގައި ހިމަނާ ފައިވާ ސްޓޯލްތައް ޙާއްސަ ކޮށްފައިވަނީ ކޮންމެ ސްޓޯލްއަކުންވެސް ކުޑަކުދިންގެ ހައްޤުތަކާއިގުޅޭ މަޢުލޫމާތު ލިބޭނެގޮތަށްކަމަށެވެ.

"މިއަދު އަޅޫގަނޑުމެން ހިމަނާފައިވާނީ ހަތަރު ސްޓޯލްއެއް. އަޅުގަނޑުމެންގެ މަޤްސަދަކީ ކުދިންނާއި ކުދިންގެ ބެލެނިވެރިންނަށް ވީހާވެސް ބޮޑަށް ޤާނޫނުން އެކުދިންނަށް ލިބެންޖެހޭ ހައްޤުތަކާއިގުޅޭ މަޢުލޫމާތުތައް ކިޔައިދިނުން. އެގޮތުން އަޅުގަނޑުމެން މަޢުލޫމާތު އެބަދެން ކުދިންނަށް ލިބެންޖެހޭ އުނގެނުމުގެ ހައްޤާއި ސިއްޙީ ގޮތުން ލިބެންޖެހޭ އެކިއެކި ހައްޤުތަކާއި ގުޅޭގޮތުން"  ޒަޔާން ވިދާޅުވިއެވެ.

ހުކުރުއުފާ ފެސްޓިވަލްގައި ގިނައަދަދަކަށް ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވިއެވެ.