ޚަބަރު

ހުކުރު އުފާ ފެސްޓިވަލް މިއަދާއި މިރޭވެސް އޮންނާނެ

އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ބާއްވާ ހުކުރު އުފާ ފެސްޓިވަލުގެ ޙަރަކާތްތައް މިއަދާއި މިރޭވެސް އޮންނާނެއެވެ.

މިހަފްތާގެ ހުކުރު އުފާ ފެސްޓިވަލްގައި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބައިވެރިވާނެ. މިހަފްތާގެ ޙަރަކާތްތައްވެސް ކުރިއަށްދާނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މިއަދުގެ ހަވީރުގެ ދަންފަޅީގެ ޙަރަކާތްތައް ކުރިއަށްދާއިރު، ހިއުމަންރައިޓްސް ކޮމިޝަނުގެ ފަރާތުން ކުޑަކުދިންނަށް ޚާއްސަ ސްޓޯލަކާއި އެޗްއާރްސީއެމްގެ މައްސައްކަތްތަކާ ބެހޭ މަޢުލޫމާތު ދޭ ޚާއްޞަ ސްޓޯލެއް ހުންނާނެއެވެ.

މީގެ އިތުރުން ކުޑަކުދިންނާ ގުޅޭ ތަފާތު ޙަރަކާތްތަކާއި، މުސްޙަފުބެހުމާއި ދީނީ އެކި މަޢުލޫމާތު ހިމެނޭ ފޮތްތައްވެސް މިފެސްޓިވަލްގައި ލިބެން ހުންނާނެއެވެ.

ހުކުރު އުފާގެ ރޭގަނޑު ދަންފަޅީގައި ޚާއްސަ ޕްރޮގްރާމެއް މިރޭ އޮންނާނެއެވެ. މިރޭގެ ޕްރޮގްރާމްގައި އިންސާނީ ޙައްގުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާނީ އައްޝައިޚް އަޙްމަދު ފަހުމީ ދީދީ އާއި ނަވީން ޢަބްދުﷲއެވެ. މިރޭގެ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ "އިސްލާމް ދީނާއި އިންސާނީ ޙައްގުތައް" މި މަޢުޟޫއަށެވެ.

ދެދަންފަޅިއަށް ކުރިއަށް ގެންދާ ހުކުރު އުފާ އިސްލާމީ ފެސްޓިވަލަކީ ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމީ ވެށްޓެއްގައި މުނިފޫހި ފިލުވުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ. ކޮންމެ ހުކުރު ދުވަހު ކުރިއަށްގެންދާ މި ޙަރަކާތުގެ ސަބަބުން ދީނީ ގޮތުން އުފެދިފައިވާ ބައިބައިވުންތައް ނެތިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.