ޚަބަރު

އަނިޔާއާ ގުޅޭ މައްސަލަތައް ހުށައެޅޭ މިންވަރު މަދުވެއްޖެ!


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށައެޅި އަނިޔާއާ ގުޅޭ މައްސަލަތައް މަދުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ނޮވެމްބަރ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރިޕޯޓް ކޮށްފައިވަނީ، 238 މައްސަލައެވެ.

ނޮވެމްބަރުމަހު އަނިޔާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ޢަދަދު މަދުވެފައިވީނަމަވެސް، ކުޑަކުދިންނަށް ކުރާ އަނިޔާ އޭގެ ކުރީމަހާ އަޅާބަލާއިރު މަދުވެފައެއްނުވެއެވެ. ނޮވެމްބަރުމަހު ހުށައެޅި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. މިބާވަތުގެ 57 މައްސަލަ ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 30 މައްސަލައާއި އިހުމާލުވުމުގެ 19 މައްސަލައާއި ނަފްސާނީ ހާނިކައިގެ 10 މައްސަލަ ހުށައަޅާފައިވާއިރު، ގެވެށި އަނިޔާ ކުރާތަން ކުޑަކުދިންނަށް ދެއްކުން ނުވަތަ ފެނުމުގެ 3 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ފުރައްސާރަކުރުމުގެ ޝިކާރައަކަށްވުމުގެ 4 މައްސަލަ މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ނޮވެމްބަރު މަހު ސައިބަރ ބުލީންގެ މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ. ކުށްކުރާ ކުޑަކުދިންގެ 5 މައްސަލަ މިނިސްޓްރީއަށް ހުށައާޅާފައިވާއިރު އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަކާއި ވައްކަމުގެ މައްސަލައެއްވެސް ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާގީ ތަފާތު 14 މައްސަލައެއް ނޮވެމްބަރު މަހު ވަނީ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙުރޫމްކުރުމުގެ 4 މައްސަލައެއްވެސް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ މައްސަލައާއި އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ މައްސަލައަކާއި ކުދިންނަށް ވެކްސިން ނުދިނުމުގެ މައްސަލައެއްވެސް ހިމެނެއެވެ.

ނޮވެމްބަރު މަހު މިނިސްޓްރީއަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތަކެވެ. އެގޮތުން ޢާއިލީ މައްސަލަތަކުގެ ތަފާތު 42 މައްސަލައެއް އެމިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. މީގެތެރޭގައި ޚަރަދު ނުދިނުމުގެ މައްސަލަތައްވެސް ހިމެނެއެވެ. މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 35 މައްސަލަވެސް ނޮވެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވޭ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށައަޅާފައިވާ 6 މައްސަލައެއްވެސް ހިމެނެއެވެ.

ކުށް ކުރުމާއި އެކި ބާވަތުގެ އަނިޔާއާއި ދެކޮޅަށް ސަރުކާރުގެ އެކި މުއައްސަސާތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީންދަނީ ގިނަ މަސައްކަތްކުރަމުންނެވެ.