ޓޫއަރިޒަމް ކައުންޓްޑައުން ޝޯވ "ވެލްކަމް 2018"ގެ ބައިވެރިންނާއިއެކު ސޮއިކޮށްފިއެވެ.
މި ޝޯވއަކީ އާ އަހަރު ފެށުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑީވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝޯވއެކެވެ.
"ވެލްކަމް 2018"ގެ ޝޯވގައި ބޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ޕާކިސްތާނުގެ ރާހަތް ފަތެހް ޢަލީ ޚާންއާއި އިންޑީޔާގެ މީކާ ސިންގގެ އިތުރުން މަޝްހޫރު ތަރިންތަކެއް ގެނަޢުމަށް ހަމަޖެހިފައިވާކަމަށް އެމްއައިޓީޑީސީން ބުނެއެވެ.
މި ޝޯވގެ ބައިވެރިންނާއެކު ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ލިރާރެވެ. އަދި އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްްމަދު ޝާހިދެވެ.
"ވެލްކަމް 2018"ގެ ޕަރޓްނަރުންގެ ގޮތުގައި ތިން ކުންފުންޏެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން މި އިވެންޓް ހިންގައި ޕްރޮމޯޓްކުރުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ޔޫކޭއާއި ދުބާއީފަދަ ޤައުމުތަކުގައި އިވެންޓް ރާވާ ހިންގުމުގެ މަސައްކަތްކުރަމުންއަންނަ ރާއްޖެއިން ބޭރުގެ ކުންފުންޏެއްކަމަށްވާ ޕޯޓްފޯލިއޯ މެނޭޖިންގ އިވެންޓްސްއާއެވެ. އެ ކުންފުންޏާއެކު ލޯކަލް އެސިސްޓެންސް ޕަރޓްނަރެއްގެގޮތުގައި ހަރަކާތްތެރިވާނީ ޗޮޕްއާރްޓް ޕްރައިވެޓް ލިމިޓެޑެވެ. މި އިވެންޓްގެ މީޑީއާ ޕަރޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މީގެއިތުރުން އިވެންޓްގެ ލޮޖިސްޓިކާއި، ސްޓޭޖް ސެޓަޕް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ޕްރައިވެޓް ލިމިޓެޑާއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ލިރާރް ވިދާޅުވީ، މި ޝޯވ ފުރިހަމަ ޝޯއެއްގެ ގޮތުގައި ގެނެސްދިނުމަށް ގިނަ ކުންފުނިތަކެއްގެ އެހީ ލިބެމުން އަންނަ ކަމަށާއި، ސޮއިކުރި ތިން ކުންފުންޏަކީވެސް މަސައްކަތައް އެންމެ ޤާބިލް ތިން ކުންފުނިކަމަށެވެ.
އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދް ވިދާޅުވީ މިއަހަރުގެ ކައުންޓްޑައުން ޝޯއަކީ އެހެން އަހަރުތަކަށްވުރެ ޝައުޤުވުރި ޝޯއަކަށްހެދުމުގެ މަސައްކަތްކުރަމުންދާކަމަށް. އެގޮތުން މި ޝޯވގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ފަންނާނުންގެ ތަފާތު ހުށައެޅުންތައް ފެނިގެންދާނެކަމަށެވެ.
ކައުންޓްޑައުން ޝޯވގެ މީޑިއާ ޕަރޓްނަރ ޕީއެސްއެމްގެ، މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ޚަލީލް ވިދާޅުވީ މި ޝޯވއާ ގުޅޭ މަޢުލޫމާތުތައް އާއްމު ރައްޔިތުންނާއިިހަމައަށް ގެނައުމަށް ޕީއެސްއެމުން ފުޅާދާއިރާއެއްގައި މަސައްކަތް ކުރާނެކަމަށެވެ. ޚަލީލް ވިދާޅުވީ މިފަދަ އިވެންޓްތަކުގެ ސަބަބުން ރާއްޖޭގެ މަޤްބޫލުކަން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް މާކެޓް ކުރެވިގެންދާނެކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ބާއްވަމުން އަންނަ ކައުންޓްޑައުން ޝޯވއަކީ ޜާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަހަރުން އަހަރަށް އިތުރުވަމުން އަންނަ އައުން ފާހަގަކުރުމަށް ބާއްވަމުން އަންނަ ޝޯވއެކެވެ. މިއަހަރުގެ މި ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެއްތިރީސްވަނަ ދުވަހު ކާނިވާ ސަރަހައްދުގައެވެ.