ޚަބަރު

"ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން މަސައްކަތްކުރާނެ"


ފަލަސްތީނުގެ މިނިވަންކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން، އޯއިސީގެ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މާޒީގައިވެސް ރާއްޖެއިން ފަލަސްތީނުގެ މިނިވަންކަން ކަށަވަރުކުރުމަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި ހަމަ އެފަދައިން ކުރިއަށް އޮތް ތަނުގަވެސް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ގޮވާލަނީ ދީނީ އެއްބައިވަންތަކަމަށާއި ގުޅިގެން މަސައްކަތްކޮށް ދުވަސްވީ އިދިކޮޅުފަރާތްތަކުގެ ބާރު ކަނޑުވާލުންކަން މިނިސްޓަރ ފާހަގަކުރެވިއެވެ. އަދި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީއާއެކު ފަލަސްތީނުގެ ހަމަޖެހުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އޯއިސީގެ ބައްދަލުވުމުގައި މިނިސްޓަރ މުއިއްޒުވަނީ ޤުދުސަކީ މުސްލިމުން އިޙްތިރާމްކުރާ ވަރަށް މާތް މަތިވެރި ބިމެއްކަން ފާހަގަކުރައްވާފައެވެ. ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި، ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރަން ނިންމި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ކުރެވޭ ބޭއިޙްތިރާމެއް ކަމަށާއި އޭގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައަށް ކުރާ މަސައްކަތްތަކަށާއި ބައިނަލްއަޤުވާމީ ސުލްޙަ އާއި ހަމަޖެހުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރާނެކަން ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.