ޚަބަރު

ގއ. އަތޮޅު ކައުންސިލަރުން ތިން މަހަށް ސަސްޕެންޑްކޮށްފި


އެލް.ޖީ.އޭއިން ނެރެފައިވާ ސާރކިއުލާރ އާ ޚިލާފުވެފައިވާތީ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން 3 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެލް.ޖީ.އޭގެ ރައީސް އަދި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ގއ. ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ، އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވާފައިވާ ސާރކިއުލަރއާއި ޚިލާފަށް ޢަމަލުކޮށްފައިވާތީކަމަށެވެ.

އެލްޖީއޭއިން އަންގާރަދުވަހު ކައުންސިލްތަކަށް ފޮނުވާފައިވާ ސަރކިއުލާރއެއްގައިވަނީ، ކައުންސިލްތަކުން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލުކުރަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެންކަމަށެވެ. އެހެންނަމަވެސް ގއ. ކައުންސިލްގެ މެމްބަރުންވަނީ މިސަރކިއުލާއާ ޚިލާފަށް ރާއްޖޭއަށް ކަނޑައަޅުއްވާފަ ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސްއާ ބައްދަލުކޮށްފައެވެ.

އެލްޖީއޭއިން ނެރުނު ސާރކިއުލަރ ގައިވަނީ، ރާއްޖޭގެ ޤާނޫނުއަސާސީގައި ވާގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބަލައި، ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ޔުނިޓަރީ ދަޢުލަތަކީ އެ ދަޢުލަތެއްގެ އެންމެހާ ދާޚިލީ އަދި ޚާރިޖީ ސިޔާދަތު އެއް ސަރުކާރަކުން ނުވަތަ އެއް ސިޔާސީ ބާރަކުން ތަމްސީލްކުރާ ދައުލަތެއްކަމަށެވެ.

އެހެން ކަމުން ކައުންސިލްތަކުން ބޭރުގެ ފަރާތްކާއި ބައްދަލުކޮށް މުއާމަލާތު ކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބުރޫއަރާނެތީ، ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރާނަމަ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ކައުންސިލްތަކަށް ވަނީ އަންގާފައެވެ.