ސިއްހަތު

"ކުޅުދުއްފުށީ ހޮސްޕިޓަލްގެ މައްސަލަ މިދަނީ ހައްލުކުރަމުން"


ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، އާއްމުންގެ ޝަކުވާތައް އިތުރުވަމުންދާކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުޙައްމަދު މާހިރު ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމާ ގުޅޭގޮތުން ނޫރުލް އިސްލާމްއާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް ހުރިހާ މަސައްކަތްތަކެއް ކުރިއަށް ނުދާކަން މިނިސްޓްރީއަށްވެސް ފާހަގަ ކުރެވިފައިވާކަމަށެވެ. އެގޮތުން އެގްރީމެންޓުގައި ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ޑޮކްޓަރުން ހޯދުމާއި، ހޮސްޕިޓަލުން ދެމުންދާ ޙިދުމަތްތައް ފުޅާކުރުމަށް އެކުންފުނިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރަމުން ނުދާކަމަށް މާހިރު ވިދާޅުވިއެވެ. އަދި މި މައްސަލަ ދިމާވީ، ނޫރުލް އިސްލާމާއި އެމީހުންގެ ދިވެހި ކޮންޓްރެކްޓަރާ ދެމެދު އުފެދިގެންއުޅޭ ޚިޔާލު ތަފާތުވުން ތަކެއްގެ ސަބަބުންކަމަށާއި، އެމައްސަލަ ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށްވެސް މާހިރު ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ރައްޔިތުންނެއް ޚިދުމަތް ހޯދާ ތަނެއްކަމުން، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމައަށް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދޭތޯ ހެލްތ މިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށް މާހިރު ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލަށް ދިމާވެފައިވާ މެޑިކަލް އޮފިސަރުން މަދުވުމުގެ މައްސަލައާއި، އެހެނިހެން ބައެއް ޚިދުމަތްތައް ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށްވެސް މާހިރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ހޮސްޕިޓަލުގެ ހިންގުން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއެކު ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް ހިންގުމާއި އެކުންފުނިން ހަވާލުވެފައިވަނީ ޖުލައިމަހުގެ 10 ވަނަ ދުވަހުއެވެ. ސަރުކާރުން ނޫރުލް އިސްލާމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ 150 އެދަށް އިތުރުކުރަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މިހާރު އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީއަކީ 50 އެދު.