ޚަބަރު

ލެޓިން އެމެރިކާގައި ރާއްޖެ ޕްރޮމޯޓް ކޮށްފި


މިމަހުގެ 9 އިން 10 އަށް އާޖެންޓީނާގެ ވެރިރަށް ބޯރނެސް އައިރެސްގައި ބޭއްވި ދުނިޔޭގެ ވިޔަފާރިއާއިބެހޭ ޖަމިއްޔާ، ޑަބްލިއުޓީއޯގެ ވިޔަފާރީގެ މަޝްވަރާތަކުގެ ހަވާސާގައި ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ޕްރޮމޯޓްކޮށްފިއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުވަނީ ރާއްޖެ ޕްރޮމޯޓްކުރުމުގެ ގޮތުން ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ ރައީސްއަށާއި ބައްދަލުވުމުގައި ބައިވެރި އެކިޤައުމުތަކުގެ ވަފުދުތަކާއި ވަކިވަކިން ބައްދަލުކުރައްވާ އެބޭފުޅުންނަށް ރާއްޖެއާއި ބެހޭގޮތުން މައުލޫމާތު ދެއްވާ މަޝްވަރާ ކުރެއްވިއެވެ. 

އަދި މީގެ އިތުރުން މޫސާ މަނިކުވަނީ ލެޓިން އެމެރިކާގެ ޑީޓީވީ ނެޓްވޯކަށް ރާއްޖޭއާއިބެހޭ ގޮތުން ބަސްދީގަތުމެއް ދެއްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ޑޮކިއުމެންޓްރީތައް ތައްޔާރުކުރުމަށް ރާއްޖެއަށް އައުމަށް ޑީޓީވީގެ ބޭފުޅުންނަށް މޫސަ ދަޢުވަތު ދެއްވިއެވެ. ޑީޓީވީ ނެޓްވޯކަކީ ލެޓިން އެމެރިކާގެ 10 ޤައުމެއްގައި މަޝްހޫރު ޓީވީ ނެޓްވޯކެކެވެ. 

img:http://s3.psmnews.mv/images/660x400/15131207518856.jpg|މޫސާ މަނިކު އައިޕީޔޫގެ ރައީސްއަށް ރާއްޖެއާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވަނީ

އާޖެންޓީނާގައި ބޭއްވި ޑަބްލިއުޓީއޯގެ މަޝްވަރާތަކުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި ވިލިމާލެ ދާއިރާގެ މެމްބަރ އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. މިބައްދަލުވުމަކީ ޑަބްލިއުޓީއޯއިން ކުރިއަށް ގެންދާ ބައިނަލްއަޤުވާމީ ވިޔަފާރީގެ މަޝްވަރާތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ދައުރުފުޅާކޮށް އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރު ބާއްވާ ބައްދަލުވުމެކެވެ. މިއީ މިބައްދަލުވުން ބޭއްވި 11 ވަނަ ފަހަރެވެ. އަދި މިބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ވަފުދުގެ ބޭފުޅުންވަނީ އެހެން ޤައުމުތަކުގެ ވަފުދުތަކާއި ވަކިވަކިން ބައްދަލުކޮށް ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ މުހިއްމު ދާއިރާތަކުން މައުލޫމާތު ދީ މަޝްވަރާ ކުރައްވާފައެވެ.