ޚަބަރު

ސަދަޤާތު ފައުންޑޭޝަންގެ "ޚިތާނީ ފެސްޓިވަލް" މާދަމާ ފަށަނީ


ސަދަޤާތު ފައުންޑޭޝަނުން ބާއްވާ "ޚިތާނީ ފެސްޓިވަލް"ގައި ޚިތާނުކުރާ ކުދިންނާއި، އެކުދިންގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ބައްދަލުކުރައްވައިފިއެވެ.

ޚިތާނީ ފެސްޓިވަލްހެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް މުއާޒް ޢަލީ ވިދާޅުވީ، އިއްޔެ ގާޒީ ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ޚިތާނީ ފެސްޓިވަލް ކުރިއަށްގެންދާނެ ގޮތާ ގުޅޭ މައުލޫމާތު ބެލެނިވެރިންނާ ޙިއްޞާކޮށްފައިވާކަމަށެވެ.

ޚިތާނީ ކޭމްޕްގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހީމް މުއާޒް ޢަލީ ވިދާޅުވީ ޚިތާނީ ކޭޕް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ޚިތާނީ ކޭމްޕް ރެހެންދީ ސްކޫލްގެ އިތުރުން ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ޚިތާނު ކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ހުޅުމާލޭ ހޮސްޕިޓަލުގައިކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ ބެޗް ތަކަކަށް ބަހާލައިގެން ކަމަށާއި، މިދިޔަ އަހަރުގެ ޚިތާނީ ފެސްޓިވަލަށްވުރެ މިއަހަރުގެ ފެސްޓިވަލް މާ ކުލަގަދަވެފައި، އިންތިޒާމްތައް ރަނގަޅުވާނެކަމަށް މުއާޒް ވިދާޅުވިއެވެ. މި ފެސްޓިވަލް ޑިސެމްބަރ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމަށް މިއަހަރު ބާއްވާ ޚިތާނީ ކޭމްޕްގައި 500 އަށްވުރެ ގިނަ ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވާކަމަށް ސަދަޤާތު ފައުންޑޭޝަނުން ބުނެއެވެ. ޞަދަޤާތު ފައުންޑޭޝަނުން ޚިތާނީ ކޭމްޕް ކުރިއަށްގެންދާ މިއީ 2 ވަނަ އަހަރެވެ. މި ކޭޕްގައި ޚިތާނުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭއެވެ. ޚިތާނީ ކޭޕްގައި ޚިތާނުކުރާ ކުދިންނާއި ބެލެނިވެރިންގެ ހުރުމާއި ކެއުމުގެ ޚަރަދުވެސް ހަމަޖައްސާފައިވަނީ ޞަދަޤާތު ފައުންޑޭޝަނުންނެވެ.