ޚަބަރު

609 ދިވެހި ނަރުހުން ހޯދަނީ


ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ ހަ ސަތޭކައަށްވުރެ ގިނަ ދިވެހި ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލެތް މިނިސްޓްރީން ބުނީ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ 609 ދިވެހި ރެޖިސްޓަރޑް ނަރުހުން ބޭނުންވާކަމަށެވެ، އަލަށް ހޮވާ ނަރުހުންނަށް މުސާރައިގެ ގޮތުގައި މަހަކު 5900 ރުފިޔާ ލިބޭނެކަމަށާއި އެލަވަންސްގެ ގޮތުގައި މަހަކު 2500 ރުފިޔާ ލިބޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅަންޖެހޭނީ  މިމަހުގެ 21 ވަނަދުވަހުގެ ކުރިން ވަޒީފާ ބޭނުންވާ ހޮސްޕިޓަލަށް ނުވަތަ މަރުކަޒަކަށްކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، މިމަހުގެ 24ން އަންނަ ޖަނަވަރީ މަހުގެ 15އާ ދެމެދު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއްގައިކަމަށާއި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ދައުލަތުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީއާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގައި ސެޓްފިކެޓް ހަތަރެކާއި ޑިޕްލޮމާ ފެންވަރަށް ދަނީ ކިޔަވައިދެމުންނެވެ. މި ޕްރޮގްރާމްގެ ދަށުން 74 ނަރުހަކު އިންޑިޔާގެ އެސް.ޔޫ.ޓީ ހޮސްޕިޓަލުގައި އަމަލީ ތަޖްރިބާ ހޯދުމަށްފަހު މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެއައިސްފައިއެވެ.