ޚަބަރު

ހުޅުމާލޭގެ ތަރައްްޤީގައި ބައިވެރިވުމަކީ ބޮޑު ޝަރަފެއް- އަފީފް


މިސަރުކާރުން ހުޅުމާލެ ތަރައްޤީކުރުމުށް ކުރައްވާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ވަރަށްބޮޑު ޝަރަފެއްކަމަށް ޗަމްޕާ ބުރަދާސްއިން ބުނެފިއެވެ. މަޝްހޫރު ވިޔަފާރި ކުންފުނި ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން ރާއްޖޭގައި އުފައްދާފައިވާ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ހުޅުމާލޭ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރމަން އަދި ޗަމްޕާ ބުރަދާސްގެ ހިއްސާދާރެއްކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ، ހުޅުމާލެ ތަރައްޤީކުރުމުށް މިސަރުކާރުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެކުންފުންޏަށް ލިބޭ ވަރަށްބޮޑު ޝަރަފެއްކަމަށެވެ. އަދި ހުޅުމާލޭގައި ބޭންކިންގ ސިނާޢަތް ކުރިއެރުވުމަށް ކުރެވެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ހުސެއިން އަފީފު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ސީބީއެމްގެ ހިންގުންތެރިންގެ މަސައްކަތް ކާމިޔަބީ ލިބި، މި ބްރާންޗަކީ އާންމުންގެ މެދުގައި ވަރަށްވެސް މަޤުބޫލު ބޭންކަކަށްވުން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ވަރަށް މުހިންމު އެއް ކަންތަށް ފާހަގަ ކޮށްލާނަން. އެއީ މި ސަރުކާރުން ހުޅުމާލެ ތަރައްޤީކުރުމުށް ކުރާ މަސައްކަތުގައި ބައިވެރި ވުމުގެ ފުރުޞަތު ޓްރީޓޮޕް އަދި ކޮމަރޝަލް ބޭން އޮފް ސިލޯން ގުޅިގެން އުފެއްދި އަޅުގަނޑުމެންގެ ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް އަށް ލިބުމުން އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްވެސް ބޮޑު ޝަރަފެއް. އަދި ސީބީއެމް އިން ހުޅުމާލޭ ބޭންކިން ސިނާޢަތް ކުރިއެރުވުމަށް ކުރެވެވެން ހުރިކަމެއް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑުއަރުވަން". ޗަމްޕާ ހުސެއިން އަފީފު ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި އެކުންފުނީގެ އަނެއް ޚިއްސާދާރުކަމަށްވާ ޗަމްޕާ މުޙައްމަދު މޫސާއާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗަމްޕާ ބްރަދާސްގެ ހިއްސާއާއެކު ހުޅުމާލޭގައި ތަރައްޤީކުރާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ނިމި ޚިދުމަތް ދިނުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މީގެއިތުރުން ޗަމްޕާ ބްރަދާސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެވެ.