ޚަބަރު

މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް ދިން މުއްދަތު އިތުރުކޮށްފި


ވަޅޯމަސް މާރުކޭޓްގެ ގޮޅިތައް ހުސްކުރުމަށް ދިން މުއްދަތު މިމަހުގެ 28ގެ ނިޔަލަށް އިތުރުކޮށްފިއެވެ. ގޮޅިތައް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ކުރިން ދިން މުއްދަތު ހަމަވާނީ މިއަދު މެންދުރު ދޭއް ޖަހާއިރަށެވެ.

ވަޅޯމަސް މަރުކޭޓް ގޮޅިތައް ހުސްކުރުމަށް ދިން މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްދީފައިމިވަނީ ދިން މުއްދަތުގައި އެކަން ނުކުރެވޭނެކަމަށް ބުނެ ގޮޅިތަކުގެ ވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. 

ހައުސިން މިނިސްޓްރީން ބުނީ ވަޅޯ މަސް މާރުކޭޓް ހުސްކުރުމަށް އަންގާފައިވަނީ އެތަން ތަން ހިންގުމަށް އަލަށް އެކުލަވާލި އެއްބަސްވުމުގެ ދަށުންކަމަށެވެ. އާ އުސޫލްގެ ދަށުން ގޮޅިތައް ދޫކުރަނީ އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށްކަމަށާއި ގޮޅިތައް ދޫކުރުމުގައި މިހާރު ތިބި މީހުނަށް އިސްކަންދޭނެކަމަށްވެސް ހައުސިން އެމިނިސްޓްރީން ބުނެއެވެ. 

ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހި އެ ފައިސާ ނުދައްކާވާނަމަ އާ އުސޫލްގެ ދަށުން ޕޮއިންޓް ދިނުމުގައި ޕޮއިންޓް ކެނޑިގެންދާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. މިގޮތުން ވަޅޯ މަސްމާރުކޭޓުން ހުސްކުރަން އެންގި ގޮޅިތަކަކީވެސް ޤަވައިދާއި ހިލާފުވެގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތައްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.  

މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ދޫކުރުމުގެ އާ އުސޫލް މި އަހަރު އޭޕްރިލް މަހުގެ ތެރޭގައި ގެޒެޓުކޮށް  އެ އުސޫލުގެ ދަށުން އަލުން އެ ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލިކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.