ޚަބަރު

ޙައްޤުތަކާއެކު ޒިންމާތަކެއްވާކަން ދެނެގަންނަންޖެހޭ!


ޚައްޤުތަކާއެކު ޒިންމާތަކެއްވާކަން ދެނެގަނެ، ތިމާގެ ޙައްޤު ބޭނުންކުރުމުގައި އަނެކާގެ ޙައްޤުތަކަށް އަރައި ނުގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް ވިދާޅުވީ، ޙައްޤުތައް ހޯދުމަށް މިކުރާ މަސައްކަތުގައި، ޙައްޤުތަކާއެކު ޒިންމާތަކެއްވާކަން ޤަބޫލުކޮށް، އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަކީ މުހިންމުކަމެއްކަމަށެވެ. އެހެންކަމުން ޒަމާނުންސުރެ ދިވެހިން އަމަލުކުރަމުންދާ ރީތި އާދަތަކާ ޚިލާފަށް ޙައްޤުތައް ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރުތައް ކުރަމުންދާކެމަށް އީނާސް ވިދާޅުވިއެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް، ވަކި ޙުދޫދެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ޙައްޤަކަށް ވާއިރު، އެއްވެސް ބެލުމެއްނެތި، އެހެން މީހުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުން މިކަމުގެ ނޭދެވޭ އަސަރު، އިންތިހާއަށް މި މުޖުތަމަޢުއަށް ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރަން." އީނާސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ ފުރިހަމައަށް، އިންސާނީ ޙައްޤުތައް ބަޔާންކޮށް، އެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަމަށް އެޗް.އާރ.ސީ.އެމްގެ ރައީސް ވިދާޅުވިއެވެ. އަދި މިއަހަރަކީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަމަށާއި، އަދިވެސް ޤާނޫނީ ނިޒާމުގައި ކުރަންޖެހޭ މަސައްކަތްތައް ހުރިކަން އީނާސް ފާހަގަކުރެއްވިއެވެ.

"ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ، މި އަހަރު އަމަލުކުރަން  ފެށިފައިވޭ. މިގޮތުން، ފާހަގަކުރެވޭ ދެ ޤާނޫނަކީ، ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނު. ނަމަވެސް، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުވެވާކަން ފާހަގަކުރަން. އެގޮތުން، ހެއްކާބެހޭ ބިލު، މަދަނީ އިޖުރާއަތުގެ ބިލު، ޖުވެނައިލް ޖަސްޓިސް ބިލު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލު، ހެކިންނަށް ހިމާޔަތް ދިނުމާބެހޭ  ބިލު ހިމެނޭ." އީނާސް ވިދާޅުވިއެވެ.

ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ދައުލަތުގެ 3 ބާރުން މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ އެއްވެސް ބާރަކުން އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކަށް އުނިކަން އަންނަގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.