ޚަބަރު

ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ ނިޒާމެއް ޤާއިންކުރަން ޖެހޭ!


ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތައް އެކުލެވޭހެން މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމްކުރަން ޖެހޭކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބް ރައީސް މުއައްވިޒް އަންވަރު ވިދާޅުވެއްޖެއެވެ.

މުއައްވިޒް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފަސާދައާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންޓިކޮރަޕްޝަން ޑޭ، ނުވަތަ ފަސާދައާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމަށް ޣާޒީ ބިލްޑިންގައި ހުންނަ އެންޓިކޮރަޕްޝަން ކޮމިޝަންގެ އޮފީހުގައިވަނީ ޙާއްޞަ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ ޢަލީ ޝަމީމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބް ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ރާއްޖޭގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ހުރިކަން ފާހަގަކޮށް، މިކަން ހައްލުކުރުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް. އަދި ކޮރަޕްޝަނާ ފަސާދަ ނައްތާލުމުގެ މަޤްޞަދުގައި އާންމުން ހޭލުންތެރިކުރުވުމާއި އެނޫންވެސް އެކަމާ ގުޅުންހުރި ގިނ ަޙަރަކާތްތަކެއް ކުރިޔަށް ގެންދާކަން މުއައްވިޒް ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަން ނައްތަލުމަށްޓަކާ، ހަރުދަނާ ނިޒާމްތަކެއް ސަރުކާރުގެ އޮފީސްތަކުގައި ޤާއިމްކުރުން މުހިންމުކަމަށްވެސް މުއައްވިޒް ވިދާޅުވިއެވެ.

މުއައްވިޒްގެ ވާހަކައިގައި ވަނީ އޭސީސީއިން ފަސް އަހަރަށް ބަހާލައިގެން ކުރިޔަށް ގެންދާ ޤައުމީ ނަޒާހަތްތެރިކަމުގެ މަޝްރޫގެ ދަށުން މިއަންނަ އަހަރު ސަތޭކައަށް ވުރެ ގިނަ ޕްރޮގްރާމް ކުރިޔަށް ގެންދަވާނެކަން ފާހަކަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި، ޝަރަފްވެރިމެހްމާން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ދެއްކެވި ވާހަކައިގައިވަނީ ކޮރަޕްޝަން ނައްތާލުމަށްކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކާ އިތުރު ޤާނޫނާ ޤަވައިދުތައް ވުޖޫދަށް ގެންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނަކީ އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން ބަލަހައްޓާ އެއް އިދާރާކަމުން، އެމުއައްސަސާގެ ދަށުން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ނަޒާހަތްތެރިކަން ހުރުމަކީ މުހިންމުކަމެއްކަމަށް ޑރ ޝަމީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރު އައިމިނަތު މިންނާ ދެއްކެވި ވާހަކައިގައިވަނީ މިދުވަސް ފާހަގަކުރުމުގެ މުހިންމުކަމާ، ދުނިޔޭގައި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޮރަޕްޝަން ނައްތާލުމުގައި މަޖިލީހާ، ޤާނޫނުތައް ހަދާފަރާތްތަކުގެ ރޯލްބޮޑުކަމަށް މިންނާ ވިދާޅުވިއެވެ.

އެންޓިކޮރަޕްޝަން ޑޭ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައިވަނީ އޭ.ސީ.ސީއަށް އެކި ގޮތްގޮތުން އެހީތެރިވަމުންއަންނަ ސަރުކާރާ އަމިއްލަ ފަރާތްތަކަށް ހަދާނީ ފިލަޔާ، ލިޔުން ދީފައެވެ. އެގޮތުން ފަބްލިކްސާރިވސް މީޑިއާ، ރޭޑިއޯ އެޑޯލް، ދިވެހި ބަހުގެ އެކަޑަމީގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކަށްވެސް ހަދާނީ ފިލަޔާ ލިޔުންދީފައިވެއެވެ.