ޚަބަރު

މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް


އިންސާނީ ޙައްޤުތަކަކީ އިންސާނަކަށްވީތީ އޭނާއަށް ފިޠުރީގޮތުން ލިބިފައިވާ ޙައްޤުތަކެކެވެ. އެގޮތުން އދ އިން ފާސްކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ އިންސާނުންނަށް އެއް ހަމައެއްގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދެއެވެ. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 70 ވަނަ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1948 ވަނަ އަހަރު، އދ އިން އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުއާހަދާ ފާސްކުރުމާ ގުޅިގެންނެވެ. މި މުއާހަދާ ތަންފީޛް ކުރަން ފެށިފަހުން މިވީ 70 އަހަރުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ރޮންގުން ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކުރެވިފައިވާކަމަށެވެ. އިންސާނީ ޙައްޤުތަކުގެ މި މުއާހަދާގެ ދަށުން ނަސްލާއި، ކުލައާއި، ދީނާއި، ޖިންސާއި، ބަހާއި، މުދަލާއި، އުފަންވީ ތަނާއި އަދި، ސިޔާސީ ފިކުރަށް ބެލުމެއްނެތި، ހުރިހާ އިންސާނުންނަށް، ހަމަހަމަކަމާއެކު، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދެއެވެ.

ދުނިޔޭގެ ސަމާލުކަމަށް އިންސާނީ ޙައްޤުތަކުގެ ވާހަކަތައް އައިސް އެވާހަކަތައް ދެކެވެން ފެށީ މީލާދީން 1300 ގެ އަހަރުތަކުގައެވެ. ނަމަވެސް އޭގެ 700 އަހަރު ކުރިން ކީރިތި ޤުރުއާނުގައި އެޙައްޤުތަކުގެ ވާހަކަތައް ވަނީ ބަޔާންކޮށްދީފައެވެ. އިސްލާމްދީން ބާވައިލެއްވިއިރު ބާރުގަދަ މީހުން ބާރެއް ނެތް ނިކަމެތިންގެ މައްޗަށް އަތްގަދަކޮށް، ލާއިންސާނީ އެތައް ޖަރީމާއެއް ހިނގަމުންދަނިކޮށް، އެކަންކަތައްތައް މަނާކޮށް، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރިއެވެ. ނިކަމެތިކޮށްލާފައިވާ އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނެވެ.

ދުނިޔޭގެ ބައެއް ޑިމޮކްރަސީތަކުގައި އިންސާނީ ޙައްޤުތަކުގެ ނަމުގައި ހައްދުފަހަނައަޅައިދާނަމަވެސް، އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ، އިންސާނުންނަށް އެންމެ އެކަށީގެންވާ މިންވަރަށެވެ. އެކަކަށް ލިބިދޭ ޙައްޤެއްގެ ސަބަބުން އަނެކުންގެ ޙައްޤުތަކަށް އުނިކަން ނާންނަގޮތަށެވެ.

ދިވެހިރާއްޖެއަށް ބަލާލާއިރު 2008 ވަނަ އަހަރު ފާސްކޮށް ޢަމަލުކުރަންފެށި ޤާނޫނުއަސާސީގެ ދަށުން، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާއިން ކަށަވަރުކޮށްދޭ ޙައްޤުތައް، އިސްލާމްދީނުގެ އުސޫލުތަކާ ތަޢާރަޒްނުވާގޮތުގެ މަތިން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދެއެވެ. އެގޮތުން ޤާނޫނުއަސާސީގެ ދެވަނަ ބާބު، އަސާސީ ޙައްޤުތަކާއި މިނިވަންކަމާބެހޭ ބާބުގައި، ހަމަހަމަ ކަމާއި، ޒާތީ ދިރިއުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ވަނީ ކަށަވަރުކޮށްދީފައެވެ.

ރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ގިނަ ޤާނޫނުތަކެއް ފާސްކޮށް ގެންދަނީ ތަންފީޛް ކުރަމުންނެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެދުނުތާ ވަނީ 14 އަހަރު ވެފައެވެ.

"ޤާނޫނުއަސާސީގެ ދެވަނަ ބާބު، 'އަސާސީ ޙައްޤުތަކާއި މިނިވަންކަން'، މި ބާބުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ ފުރިހަމައަށް، ޙައްޤުތައް ބަޔާންކޮށް، އެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަން ފަޚުރުވެރިކަމާއެކު މި ފުރުޞަތުގައި ފާހަގަކުރަން." ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް ވިދާޅުވިއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާއަށް 70 އަހަރުފުރޭ މި މުނާސަބަތުގައި އެޖަމްޢިއްޔާއިންވަނީ ބައިނަލްއަޤްވާމީ ކެމްޕެއިނެއް އިފްތިތާޙްކޮށްފައެވެ. މި ކެމްޕޭނުގެ މަޤްޞަދުތަކަކީ އިންސާނީ ޙައްޤުތަކާބެހޭ އާންމު ޤަރާރުގައިވާ ޙައްޤުތައް ކުރިއެރުވުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަބައެއް ބައިވެރިވާނޭހެން އިންސާނީ ޙައްޤުތަކަށްޓަކައި މީހުން ޙަރަކާތްތެރިކުރުވުމާއި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، ކޮންމެ މީހަކުވެސް އިންސާނީ ޙައްޤުތަކަށް ތެދުވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމެވެ.

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރު ކުރެވިފައިވަނީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއިންނެވެ. އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަންނަންޖެހެއެވެ. އަދި ތިމާއަށް ލިބޭ ހައްޤެއްގެ ސަބަބުން އަނެކާއަށް ލިބެންޖެހޭ ޙައްޤަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިސްކަންދީ، ޢަޒުމް ކަނޑައަޅަންޖެހެއެވެ.