ޚަބަރު

"މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި ޒިންމާދާރުވުން މުހިއްމު"


ސުލްހަވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަށް ދުނިޔޭގެ ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރުމުގައި ޒިންމާދާރުވުމަށް ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ގޮވާލައްވައިފިއެވެ.

ޑރ. އަލީ ނަސީރު މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ އެޖަމިއްޔާގެ އާއްމު މަޖިލީހުގެ 72 ދެވަނަ ސެޝަންގައި ތަޤުރީރުކުރައްވަމުންނެވެ.

ޑރ. އަލީ ނަސީރު ދެއްކެވި ވާހަކައިގައި މުޖުތަމަޢުގެ އަމަން އަމާންކަން ޤާއިމުކުރުމުގައި މީޑިއާތަކަކީ މުހިއްމު ދަޢުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރާއިރު، ވަކިން ޚާއްސަކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރާއިރު، ނަފުރަތާއި ރުޅިވެރިކަމަށް އަދި ޓެރެރިޒަމްގެ އެކި ހަރަކާތްތައް ހިންގުމަށް ހިތްވަރުލިބޭފަދަ ގޮތްގޮތަށް ޙަބަރާއި މަޢުލޫމާތު ނުފެތުރުމަށް ގޮވާލެއްވިއެވެ. އަދި އެކަންކަން އެފަދައިން ނުހިނގާކަން ކަށަވަރުކުރުމަށްވެސް ދުނިޔޭގެ ޤައުމުތަކަށް ގޮވާލާފައިވެއެވެ. ހަމައެހެންމެ ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އެންމެ އަސާސީ ހައްޤުތަކާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ މައިގަނޑު އެއް އަސާސަކީވެސް އެ ޤައުމެއްގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުންކަމުގައި ވިދާޅުވެފައިވެއެވެ.

ޑރ. ނަސީރު ދެއްވި ތަޤުރީރުގައި ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ލިބިއްޖެނަމަ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް، އެ ކައުންސިލްގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ހަމައެހެންމެ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް ޑރ. ނަސީރު ދެއްވި ތަޤްރީރުގައި އަލިއަޅުއްވާލައްވާފައިވެއެވެ.