ޚަބަރު

ގެވެށިއަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ކެމްޕޭނެއް


ގެވެށިއަނިޔާއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ކ. އަތޮޅުގެ 2 ރަށެއްގައި ޖެންޑަރ މިނިސްޓްރީން ޑޯ-ޓު-ޑޯ ކެމްޕޭނެއް ކުރިއަށްގެންގޮސްފިއެވެ. މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނީ ކ. ކާށިދޫ އާއި ކ. ގާފަރުގައެވެ. 

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ގެވެށި އަނިޔާއާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި އަންނަނީ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ. "16 ޑޭސް އޮފް އެކްޓިވިޒަމް" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭންގައި ރާއްޖެއިންވެސް ބައިވެރިވެ، ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދެއެވެ. 

މިގޮތުން ކާށިދޫ އަދި ގާފަރުގައި ކުރިއަށްގެންދިޔަ ޑޯ-ޓު-ޑޯ ހަރަކާތުގައި އެ 2 ރަށުގެ ހުރިހާ ގޭބިސީތަކަށް ޖެންޑަރ މިނިސްޓްރީގެ ޓީމްތައް ޒިޔާރަތްކޮށް، ގެވެށިއަނިޔާއާއި ގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ޙާއްސަ ސަރވޭއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ގެވެށިއަނިޔާގެ މައްސަލަތަކަކީ ގިނަ ފަހަރަށް ގޭތެރެއިން ނިކުންނަށް މައްސަލަތައްކަމުން، މި ހަރަކާތަކީ މިފަދަ ކަންކަމާމެދު އާއްމުންގެ މެދުގައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކަކީ ކޮންމެވެސް ބާވަތަކެއްގެ އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. ޖެންޑަރ މިނިސްޓްރީއަށް ކޮންމެ މަހަކު ހުށައެޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި، ގެވެށިއަނިޔާގެ މައްސަލަތައް ނުވަތަ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައިވެސް އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ ގިނަކަން ޖެންޑާ މިނިސްޓްރީ ފާހަގަކުރެއެވެ.