ޚަބަރު

"މިނިވަން ވިޔަފާރީގެ ފުރުސަތަކީ ހުރިހާ ޤައުމެއްގެ ހައްޤެއް"


އިންސާފުވެރި، ހަމަހަމަ މިނިވަން ވިޔަފާރީގެ ފުރުސަތަކީ ހުރިހާ ޤައުމަކަށް އޮންނަންޖެހޭ ހައްޤެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ހިމެން ވިދާޅުވީ އާޖެންޑީނާގެ ވެރިރަށް ބޯރނޮސް އައިރެސްގައި ބޭއްވި ދުނިޔޭގެ ވިޔަފާރިއާއިބެހޭ ޖަމިއްޔާ، ޑަބްލިއުޓީއޯގެ ބައިނަލްއަޤުވާމީ ވިޔަފާރިއާއި އިޤްތިސާދީ މަޝްވަރާތަކުގެ 11 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމްނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 



މިމަހުގެ 9 އިން 10 އަށް އާރޖެންޓީގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ވަފުދުގެ އިސްބޭފުޅަކަށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވީ ބައިނަލްއަޤުވާމީ ވިޔަފާރީގެ މަޝްވަރާތަކުގައި ހުރިހާ ޤައުމަކަށް ހަމަހަމަ މިނިވަން ފުރުސަތުތަކެއް އޮންނަންޖެހޭ ކަމަށެވެ. އަދި އިންސާފުވެރި، ހަމަހަމަ މިނިވަންވިޔަފާރީގެ ފުރުސަތަކީ ކޮންމެ ޤައުމަކަވެސް ލިބެންޖެހޭ ހައްޤެއްކަމަށެވެ. މީގެ އިތުރުން މަސީޙް ވަނީ ބަޑްލިއުޓީއޯގެ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ފައިދާ ރާއްޖެފަދަ ޤައުމުތަކަށް ކުރާނީ ހަމަހަމަ ފުރުސަތުތައް ފަހިކުރެވިގެންކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިސާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާ މަސައްކަތް ކުރަމުންދާއިރު ބައިނަލްއަޤުވާމީ ވިޔަފާރީގެ މަޝްވަރާތަކާއި ގުޅޭގޮތުން ބާއްވާ މިފަދަ ބައްދަލުވުންތައް ރާއްޖެއަށް މުހިއްމުކަމަށްވެސް މަސީޙް ވިދާޅުވިއެވެ.



"މިނިވަން، ހަމަހަމަ އިންސާފުވެރި ވިޔަފާރީގެ ފުރުސަތަކީ ހުރިހާ ޤައުމަކަށްވެސް އޮންނަންޖެހޭ ހައްޤެއް. އަދި މި މަޝްވަރާގެ ސަބަބުން ހުރަސްތައް ގިރާކޮށް މިނިވަން ވިޔަފާރީގެ ހަމަހަމަ ފުރުސަތު ކުދި ބޮޑު އެންމެހާ ޤައުމުތަކަށް ލިބިގެންދާނެ." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.



53 ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިވި، "ދަ ޕާރލަމެންޓަރީ ކޮންފަރެންސް އޮން ޑަބްލިއުޓީއޯ" އަކީ ދުނިޔޭގެ ވިޔަފާރިއާއިބެހޭ ޖަމިއްޔާ، ޑަބްލިއުޓީއޯއިން ކުރިއަށްގެންދާ ބައިނަލްއަޤުވާމީ ވިޔަފާރިއާއި އިޤްތިސާދީ މަޝްވަރާތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިކޮށް އެކަމާއި ގުޅޭގޮތުން މަޢުލޫމަތު ދިނުމަށް ކޮންމެ އަހަރު ބާއްވާ ބައްދަލުވުމެކެވެ. އިންޓަރ ޕާލަމެންޓަރީ ޔޫނިއަންއާއި ޔޫރަޕިއަން ޕާލަމެންޓާއި ޑަބްލިއުޓީއޯ ގުޅިގެން ބޭއްވި މިބައްދަލުވުމުގައި ދުނިޔޭގެ ވިޔަފާރީގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ތަޖުރިބާ ކާރުން ބައިވެރި މަޢުލޫމާތު ހިއްސާކޮށް ކުރިއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދައިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ޤާއިމްކުރުމުގައި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، އެހެންކަމުން މިފަދަ ބައްދަލުވުންތަކުން ރާއްޖެއަށް ބޮޑެތި ފައިދާތައް ކުރާނެކަމަށެވެ.



"މިއީ ރާއްޖެއަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ ބައިނަލްއަޤުވާމީ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ގޮތާއި އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބުމަކީ ރައްޖެ ފަދަ ކުޑަ ޤައުމަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް. ޤައުމުތަކުން ވިޔަފާރީގެ ގުޅުންތައް ޤާއިމްކުރުމުގައި މެމްބަރުންގެ ދައުރު ބޮޑު. އެހެންވީމަ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ގޮތާއި އެކަމާއިބެހޭ މަޢުލޫމާތު މެމްބަރުންނަށް ވަރަށް މުހިއްމު" - ނިހާން ވިދާޅުވިއެވެ.



img:http://s4.psmnews.mv/images/660x400/15129388574093.jpg|ރާއްޖޭގެ ވަފުދުގެ ބޭފުޅުން ޔޫރަޕްގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބް ރައީސާއެކު

ޑަބްލިއުޓީއޯގެ މެމްބަރު ޤައުމުތަކުގެ ވަޒީރުންގެ 11 ވަނަ ބައްދަލުވުމާއި ދިމާކޮށް އާރޖެންޓީނާގައި ބޭއްވި މި ބައްދަލުމުގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި ވިލިމާލެ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރު އަޙްމަދު ނިހާން ޙުސެއިން މަނިކުވަނީ ޔޫރަޕުގެ ޤާނޫނުހަދާ މަޖިލީހުގެ ވަފުދާއި އިގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ވަފުދާއި އިންޓަ ޕާރލަމެންޓަރީ ޔޫނިއަންގެ ބޭފުޅުންނާ ވަކިވަކިން ބައްދަކުރައްވާފައެވެ. އަދި ރާއްޖެއިން މިނިވަން އަދި އިންސާފުވެރި ވިޔަފާރީގެ ފުރުސަތުތައް ޤާއިމްކުރުމަށް ބޭނުންވާކަން ހާމަކުރައްވާ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. 

ރާއްޖެއިން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަ ސޮއި ކޮށްފައެވެ. އަދި އިގިރޭސިވިލާތާއި އެމެރިކާ ފަދަ ޤައުމުތަކާއެކު އެފަދަ އެއްބަސްވުމެއް އެކުލަވާލުމަށް ވަނީ ދަޢުވަތު ދެއްވާފައެވެ.