ޚަބަރު

ހުކުރު އުފާގައި މުއައްސަސާތަކުން ބައިވެރިވުމުގެ ފުރުސަތު އެބައޮތް


ހުކުރުއުފާގެ ހަރަކާތް މެދުވެރިކޮށް އެކި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތް އާއްމުންނާ ހަމައަށް ގެނެސްދީ، ޚާއްސަ ދުވަސްތައް ފަހަގަކުރުމުގެ ފުރުސަތު އެބައޮތް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ހުކުރު އުފާގެ ހަވީރުގެ ދަންފަޅި ކުޑަކުދިންނަށް ޙާއްސަކުރިނަމަވެސް، ޚާއްސަ ދުވަސްތަށް ފާހަގަކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. މިހަފްތާގެ ހަވީރުގެ ދަންފަޅި ޙާއްސަކޮށްފައިވަނީ މާދަމާ ފާހަގަކުރާ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހަށެވެ.



ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ދެ ދަނަފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ދުވާލުގެ ދަންފަޅީގައި ކުޑަކުދިންނަށް ކުޅިވަރުތައް ހާއްސަކޮށް، އާއިލާތައް ހިތްހަމަޖެހޭނެ މާހައުލެއް އުފެދޭގޮތަށް ހަރަކާތްތައް ކުރިއަށްގެންދެއެވެ. މީގެ އިތުރުން ޙާޢްސަ ދުވަސްތަކާއި ގުޅުވައިގެންނާއި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތާއިބެހޭ މައުލޫމާތު މި ފެސްޓިވަލުގެ ތެރެއިން ފޯރުކޮށްދެއެވެ. އަދި ރޭގަނޑުގެ ދަންފަޅީގައި ދީނީ މައުޟޫތަކަށް ދަރުސް ދިނުން އޮވެއެވެ.

ހުކުރު އުފާ ފެސްޓިވަލްގެ މިހަފްތާގެ ބައިގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެ، ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުންވެސް ބައިވެރިވިއެވެ. މި ފެސްޓިވަލްގެ ތެރެއިން ޕީއެސްއެމްއާއި ވާހަކަދައްކަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ހުކުރު އުފާ ފެސްޓިވަލްގައި އެސީސީއިން ބައިވެރިވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންޓިކަރަޕްޝަން ދުވަހާ ގުޅިގެން އާއްމުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށްކަމަށެވެ.



ފެސްޓިވަލާޢިބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ހުކުރު އުފާގެ ހަވީރުގެ ދަންފަޅި ކުޑަކުދިންނަށް ޙާއްސަކުރިނަމަވެސް، ޚާއްސަ ދުވަސްތަށް ފާހަގަކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ހުކުރުއުފާގެ މިރޭގެ ދަންފަޅީގައި ދަރުސްދެއްވުމަށް ހަމަޖެހިފައިވަނީ "ނަޒާހަތްތެރިކަމަށް އިސްލާމްދީން ގޮވާލާ" މިމަޢުޟޫއަށެވެ. މި މައުޟޫޢަށް މިރޭ ދަރުސް ދެއްވަނީ އައްޝައިޚް އިބްރާހިމް އަހުމަދާއި އާދަމް ޝާމިލްއެވެ. މި ދަރުސް އޮންނާނީ މިރޭ އަށްގަޑި ތިރީހުގައި އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ.

ފަބްލިކް ސަރވިސް މީޑިއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ހުކުރު އުފާ ޙަރަކާތަކީ އެއްއަހަރުގެ މުއްދަތަށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދަން ރާވާފައިވާ ދީނީ ބޮޑު ޙަރަކާތެކެވެ. "ހުކުރު އުފާ" ޚާއްޞަ ކޮށްފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ.