ޚަބަރު

ހުކުރު އުފާ ފެސްޓިވަލް މިއަދާއި މިރޭވެސް އޮންނާނެ


އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ބާއްވާ ހުކުރު އުފާ ފެސްޓިވަލް މިއަދާއި މިރޭ އިސްލާމީ މަރުކަޒު ސަރަޙައްދުގައި އޮންނާނެއެވެ.

މިފެސްޓިވަލްގައި މިއަދު ހަވީރު ހަތަރަކުން އިރު އޮއްސި ހަޔަކަށް ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ. އެހެން ހަފްތާތަކޭ އެއްގޮތަށް މިހަފްތާގައިވެސް މިފެސްޓިވަލްގެ ތެރޭގައި ދީނީ ފޮތްތަކާއި މުސްޙަފު ބެހުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި، ކުޑަކުދިންނަށާއި ބޮޑެތިމީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ.

މިހަފްތާގެ ހުކުރު އުފާ ދަރުސްގެ މަޢުޟޫޢަކީ "ނަޒާހަތްތެރިކަމަށް އިސްލާމްދީން ގޮވާލައެވެ". މި މައުޟޫޢަށް މިރޭ ދަރުސް ދެއްވަނީ އައްޝައިޚް އިބްރާހިމް އަހުމަދާއި އާދަމް ޝާމިލްއެވެ. މި ދަރުސް އޮންނާނީ މިރޭ އަށްގަޑި ތިރީހުގައި އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ.