ޚަބަރު

"ސާރކް ޤައުމުތަކުގެ ތަޢުލީމީ ނިޒާމް އިތުރަށް ހަރުދަނާކުރަންޖެހޭ"


ސާރކް ސަރަހައްދުގެ ޤައުމުތަކުގެ ފުރިހަމަ ޤާބިލިއްޔަތުކަމަށް ވާސިލްވުމައްޓަކާ ސަރަހައްދުގެ ތައުލީމީ ނިޒާމް އިތުރަށް ހަރުދަނާކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) އުފެދުނުތާ 33 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުއްވި ބަޔާނުގައެވެ.

ސާރކް ޗާޓަރ ޑޭ، ނުވަތަ ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) އުފެދުނުތާ ތިރީސް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މެންބަރު ޤައުމުތަކުގެ ލީޑަރުންނާއި ސާރކްގެ ސެކްރެޓޭރިއެޓުން ވަނީ ޚާއްސަ މެސެޖުތަކެއް ނެރުއްވާފައެވެ.

ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނެރުއްވި ބަޔާނުގައި، ސާރކްގެ ސެކްރެޓޭރިއެޓަށާއި، މެންބަރު ޤައުމުތަކުގެ ވެރިންނާއި އާންމު ރައްޔިތުންނަށް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ރައީސްގެ ބަޔާނުގައި، ސާރކް ސަރަހައްދަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި ސަޤާފަތާއި އާދަކާދައިގެ ގޮތުން އެންމެ މުއްސަނދި ސަރަހައްދުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ސާރކްގެ ތެރެއިން މެންބަރު ޤައުމުތަކުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ސާރކް ޤައުމުތަކުގެ ކުރިއެރުމާ، ފުރިހަމަ ޤާބިލިއްޔަތުކަމަށް ވާސިލުވުމައްޓަކާ ސަރަހައްދުގެ ތަޢުލީމީ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ސާރކް ޤައުމުތަކުގެ ފަގީރުކަން ނައްތާލާ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށްޓަކާ، ތައުލީމީ ނިޒާމް ހަރުދަނާކޮށް ސަރަހައްދުގެ ރައްޔިތުން ބާރުވެރިކުރުވުން މުހިންމުކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ތަޢުލީމީ ފުރުޞަތު ފަހިކޮށްދިނުމަކީ އދގެ 2030ގެ ދެމެހެއްޓެނިވި ލަނޑުދަޑިތަކުގެ ތެރެއިންވެސް ހާސިލްކުރަންޖެހިފައިވާ ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ބަޔާނުގައި، ސާރކްގެ ޤައުމުތަކަކީވެސް ޓެރަރިޒަމާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ޤުދުރަކީ ކާރިސާތަކުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ ޤައުމުތަކެއްކަން ފާހަގަކުރައްވާ، މި ކަންތައްތަކުން އަރައިގަތުމަށް ސާރކުގެ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ސާރކް ސަރަހައްދުގެ ޤައުމުތަކަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާއީގޮތުން ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެހީތެރިވަމުންދާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

ސާރކް ޗާޓަރ ޑޭއަކީ ސާރކް ވުޖޫދަށް އައި ދުވަސް ފާހަގަކުރުމުގެ ގޮތުން، ސާރކްގެ ސެކްރެޓޭރިއެޓުން ފާހަގަ ކުރާ ދުވަހެކެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ސާރކުގެ މެންބަރު ޤައުމުތަކުގައި ކޮންމެ އަހަރަކުވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދެއެވެ.