ދީން

ޤުދުސް ހިމާޔަތްކުރަން އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ވާންޖެހޭ!


މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެބިން ފޭރިގެންފިނަމަ، އެ ބިން މިނިވަންކުރުމަށްޓަކާ އެންމެހާ މުސްލިމުން މަސައްކަތް ކުރަންޖެހޭނެކަމަށާއި، ޤުދުސްގެ މައްސަލައިގައި އެ ބިމުގެ އަހްލުވެރިންނާއެކު އެއްބައިވެ، އެކަތިގަނޑަކަށްވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އެންމެހާ މުސްލިމް އުންމަތަށް ގޮވާލައިފިއެވެ. 

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ފަލަސްޠީނު – އިސްލާމީ އުއްމަތުގެ ޒިންމާއެއް" މި މައުޟޫޢުއަށެވެ. މިއަދުގެ ޚުޠުބާގައި ޤުދުސްއަކީ ޔަހޫދީންގެ ރަށެއް ނޫންކަން ބަޔާންކޮށް، އެ ބިން މުސްލިމުންނަށް ޚާއްސަވާ ސަބަބުތަކަށް ވަރަށް ތަފްސީލީ ނަޒަރެއްގައި އަލިއަޅުވާލާފައިވެއެވެ.ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާ "ފަލަސްޠީނު – އިސްލާމީ އުއްމަތުގެ ޒިންމާއެއް" މި މައުޟޫޢުއަށް ހާއްސަކޮށްފައިވާއިރު، މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނަ ޙަރަމްފުޅުކަމަށްވާ އަލްމަސްޖިދުލް އަޤްޞާ އެ ބިމަކަށް ނިސްބަތްވާ ޤުދުސް މުސްލިމުންގެ އަތްދަށުން ނިގުޅައިގަނެ، ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ގަދަބާރުން ވެރިވެގަތުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.

ޤުދުސްއަކީ ޔަހޫދީންގެ ރަށެއް ނޫންކަމަށާއި، އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންކަމަށަށާއި، އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3500 އަހަރު ކުރިންކަން ފާހަގަކޮށްފައިވެއެވެ. އަދި އެ ބިމުގައި ދާވޫދުގެފާނާއި، ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި، މިއަދު އިސްރާއީލުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުންދާ ދިޔުމަކީ، ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކަކަށް ގޮންޖެހުމަށްފަހު، އެ މާތް ޙަރަމްފުޅު ނައްތާލުމުގެ ނުބައި މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މިދުވަސްވަރަކީ އެބިމަށް އަރައި، އަތްގަދަކޮށްގެންތިބި ޞިޙްޔޫނީންނާއި، ޔަހޫދީން އެ މާތް ބިން ނުތާހިރުކޮށް، އެ ބަރަކާތްތެރި ޙަރަމްފުޅުގެ ޙުރުމަތްކަނޑައި، އެ ޙަރަމްފުޅުގައި މުސްލިމުންނަށް ނަމާދުކުރުމަށް ހުރަސް އަޅާ، އެމީހުންގެ ލޭ އޮހޮރުވަމުންދާ ދުވަސްވަރެއްކަމަށާއި، ޤުދުސްގެ މައްސަލައަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. 

ޤުދުސް މުސްލިމުންނަށް ޚާއްސަވާ ސަބަބުތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނެފައިވަނީ ކީރިތި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްރާގެ ދަތުރުފުޅު ކުރައްވައިފައިވަނީ އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށްކަމަށާއި، އެކަލޭގެފާނު މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީވެސް މި މާތް ޚަރަމްފުޅުންކަމަށެވެ."އިބްރާހީމްގެފާނުގެ ދެ ދަރިކަލުން އިސްމާޢީލުގެފާނާއި، އިސްޙާޤުގެފާނު އުފަންވެވަޑައިގަތީ ހަމަ މި ބިމުގައި. ޔަޢުޤޫބުގެފާނާއި، ޔޫސުފުގެފާނު ދުނިޔެއަށް ވަޑައިގަތީވެސް ހަމަ މި ބިމުގައި. އެއަށްފަހު ދާވޫދުގެފާނާއި، އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ﷲ ގެ ނުބުއްވަތްތެރިކަމުގެ މިންހާޖުގެ މަތީގައި ތައުޙީދުގެ ރަސްކަމެއް ބައިތުލް މަޤްދިސްގައި ޤާއިމުކުރެއްވި. މާތް ﷲ ޒަކަރިއްޔާގެފާނުގެ ދުޢާފުޅު އިޖާބަކުރައްވާ، ޔަޙްޔާގެފާނު ދެއްވީ މި ބިމުގައި. މަރްޔަމްގެފާނަށް ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާތައް އަދި ފިނިމޫސުމުގައި ހޫނު މޫސުމުގެ މޭވާތައް ދެއްވާފައިވަނީ މި ބިމުގައި. ޢީސާގެފާނު ރައްކައުވެ ތުއްޕުޅުކަމުގެ ދާންމަތިކޮޅުގައި މީހުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވީ މި މާތް ބިމުގައި. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްރާ ދަތުރުފުޅު ކުރެއްވީ އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް. އެކަލޭގެފާނު ހުރިހާ ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުފުޅު ކުރެއްވީ މި މާތް ޙަރަމްފުޅުގެ ތެރޭގައި. އެއަށްފަހު އެކަލޭގެފާނުގެ މިޢުރާޖު ދަތުރުފުޅު ފެށްޓެވީ މި ޙަރަމްފުޅުން" ހުކުރު ހުތުބާގައިވެއެވެ.

ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަކީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއްކަމަށާއި، މި ހަނގުރާމަ އިސްރާއީލުން އެކި ސިފަސިފައިގައި ކުރަމުންދާކަން ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން އެކި ފަހަރުމަތިން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީން އަޑީގައި ތިބެގެން ހިންގާފައިވާ ލާއިންސާނީ ޖަރީމަތަކަށްވެސް ޚުޠުބާގައި ވަނީ އަލިއަޅުވާލާފައެވެ.މާތް ﷲ ގެ މަދަދާއި، މުސްލިމުގެ ހިތްވަރާއި ޖިހާދުގެ ސަބަބުން ޤުދުސް މިނިވަންވެ އެ މާތް ރަށުގެ ތަޅުދަނޑި މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބުގެ އަތްޕުޅަށް އެރީ ރޯމަނުންގެ އަނިޔާވެރިކަމާ އަޅުވެތިކަމުގެ ދަށުގައި މި ބިން 700 އަހަރު އޮތުމަށްފަހު. މުސްލިމް އަޚުންނޭވެ! މީލާދީން 1099 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ޞަލީބީން ޤުދުސްއަށް އަރައި އަމާންދީފައިވާ މުސްލިމުންގެ ތެރެއިން 70 ހާސް ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން ކަތިލި. މި ޤަތުލުޢާއްމުގެ ސަބަބުން ޤުދުސްގެ ޙަރަމްފުޅު ސަރަޙައްދުގައިވަނީ ލޭގެ ކޯރު ހެދިފައި. ޖުލައި 14 ވަނަ ދުވަހު ޞަލީބީންގެ ސިފައިންގެ ވެރިޔާ ރީމޯންޑް އަލްމަސްޖިދުލް އަޤްޞާގެ ޙަރަމްފުޅުގެ ގޯތިތެރެއަށް ވަނީ މަރާލާފައިވާ މުސްލިމުންގެ ހަށިތައް މަރީގައި ހިނގާފައި. އެމީހުން ޤުދުސްގެ މިސްކިތްތަކުގައި ބަންގިގޮވުން މަނާކުރި" ހުކުރު ހުތުބާގައިވެއެވެ.ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ ނުވަތަ ޢަރަބިންގެ މައްސަލައެއް ނޫންކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހަމަޖެހުމާއި، ސުލްޙަ މަސަލަސްކަން ހިމެނޭ ހުރިހާ މުސްލިމުންގެ ޤަޟިއްޔާއެއްކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައެވެ. އަދި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފިނަމަ، އެ ބިން މިނިވަންކުރުމަށްޓަކާ އެންމެހާ މުސްލިމުން މަސައްކަތް ކުރަންޖެހޭނެކަންވެސް ޚުޠުބާގައި ފާހަގަކޮށްފައިއެވެ. އަދި ފަލަސްޠީނުގެ އަހުލުވެރިންނާއެކު އެއްބައިވެ، އަކަތިގަނޑަކަށް ވާންޖެހޭނެކަމަށާއި، އެމީހުންގެ ކެކުޅުންތަކަށާއި ގިސްލުންތަކަށާއި، ރުއިންތަކަށްވެސް އިޖާބަދިނުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.