ޚަބަރު

ޓްރަމްޕްގެ ނިންމުން- އިސްލާމީ އުންމަތަށް ހުރި ގޮންޖެހުމެއް!


ފަލަސްތީނުގެ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށް ބަލައިގަނެ، ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ނިންމި ނިންމުމަކީ އިސްލާމީ ޢުންމަތުގެ ޝަރަފާއި ޤަދަރު ދަށްކޮށްލުމަށް ނިންމި ނިންމުމެއްކަމަށް ޕްރޮގްރެސިވް ޕާޓީޯ އޮފް މޯލްޑިވްސް، ޕީޕީއެމުން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ނިންމުމާގުޅިގެން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ފާޑުކިއުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ނެރުނު ބަޔާނެއްގައިވަނީ ޓްރަމްޕްގެ މިނިންމުން ސިފަވެގެންދަނީ ގަސްދުގައި ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށް، މުޅި އިސްލާމީ ޢުންމަތަށް ކެހިދިނުމާއި، މެދުއިރުމަތީގެ ސުލްހަ ޤާއިމުކުރުމަށް ހުރަސްއެޅޭގޮތަށް ނިންމި ނިންމުމެއްގެ ގޮތުގައިކަމަށެވެ. އަދި ޓްރަމްގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، މުޅި އިންސާނީ އުންމަތުގެ ސަލާމަތަށް ގޮންޖަހައި ނިންމި ނިންމުމެއްކަމަށްވެސް މި ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޓްރަމްޕްގެ މި ނިންމުމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނާދެމެދު ޒަމާނުންސުރެ ހިނގަމުންދިޔަ ސުލްހައިގެ ވާހަކަތަކުގެ އަސާސް ގެއްލިފައިވާކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ފަލަސްތީނުގެ ބިމަކީ އެތައް ނަބިއްޔުންނާއި، ރަސޫލުން އުފަންވި ބިމެއްކަމަށާއި، މުސްލިމުންގެ ފުރަތަމަ ޤިބްލަ، މަސްޖިދުލް އަޤްޞާ ހުރީ ފަލަސްތީނުގެ ބިމުގައިގަން ފާހަގަކޮށް، ޓްރަމްޕް މިނިންމުން ނިންމާފައިވަނީ މުސްލިމުންގެ ޝަރަފާއި ޤަދަރަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިކަން ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓްރަމްޕްގެ މިނިންމުން އަންބުރާ ގެންދިއުމަށްވެސް ޕީޕީއެމުން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ.

ފަލަސްތީނުގެ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށް ބަލައިގަނެ، އެމެރިކާ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމުމާގުޅިގެން ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި، ޖަމްމިއްޔާ ޖަމާޢަތްތަކުން ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.