ދުނިޔެ

ޤުދުސާމެދު އެމެރިކާ ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި، ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރަން ނިންމި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ކުރެވޭ ބޭއިޙްތިރާމެއް ކަމަށާއި އޭގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައަށް ކުރާ މަސައްކަތްތަކަށާއި ބައިނަލްއަޤުވާމީ ސުލްޙަ އާއި ހަމަޖެހުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރާނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

މެދުއިރުމައްޗަށް ދެމެހެއްޓެނިވި ސުލްޙަ ގެނެވޭނީ އަދި އެ ސަރަޙައްދުގައި ލޭއޮހޮރުވުމާއި އަނިޔާވެރިކަން ހުއްޓުވޭނީ، ފަލަސްޠީނާއި އިސްރާއީލުގެ ވަކި ދެ ދަޢުލަތް ޤާއިމުކުރާނެ ފުރުޞަތު ފަހިކޮށްދީގެން ކަމަށް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ރާއްޖޭން ދެކެނީ އިރުމަތީ ޤުދުސަކީ އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދެއްގެ ގޮތުގައިކަމަށާއި، އެމެރިކާއިން މި މައްސަލައާއި ގުޅުންހުރި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކަށާއި ސުލްޙަ ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އިޙުތިރާމްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކޮށް، އެ ދަޢުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން ސަރަޙައްދީ ރޮނގު ކަނޑައަޅާފައި އޮތްގޮތުގެ މައްޗަށް އެ ދަޢުލަތުގެ ސަރަޙައްދީ އިން ކަނޑައަޅައި، ފަލަސްޠީނާއި އިސްރާއީލް އަވައްޓެރިންގެ ގޮތުގައި ދިރިއުޅުން ކަމަށް ދިވެހިރާއްޖެއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ސަރުކާރާއި ރައްޔިތުން އިސްރާޢީލުން އެ ޤައުމު އިސްތިޢުމާރުކޮށްފައި އޮތް އޮތުމުން މިނިވަންވެ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި، އިސްތިޤުލާލު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރާއި ރައްޔިތުންގެ ތާއީދު އޮންނާނެކަން ދިވެހިރާއްޖެއިން ވަނީ ބުނެފައެވެ. އަދި ފަލަސްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށް ގޮވާލުމުގައި ބައިނަލްއަޤުވާމީ އެކި މަންސާތަކުގައި ދިވެހިރާއްޖެއިން އަޑުއުފުލަމުންދާނެކަމުގެ ޔަޤީންކަން ރާއްޖެއިން ވަނީ ދީފައެވެ.

ފަލަސްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، ބައިނަލްއަޤުވާމީ އޮނިގަނޑުތައް މެދުވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި ބަދަލު ހޯދައިދިނުމަށް ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއިން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާކަންވެސް ވަނީ ހާމަކޮށްފައެވެ.