ދުނިޔެ

ޤުދުސްގެ މައްސަލައިގައި ފަލަސްތީނުގައި އިޙުތިޖާޖުކުރަން ފަށައިފި


އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށާއި ގުދުސަކީ އިސްރާއީލުގެ ވެރިރަށްކަމުގައި ބަލައިގަތުމަށް އެމެރިކާ ނިންމާ ނިންމުންތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އިހްތިޖާޖު ކުރަންފަށައިފިއެވެ.

އެ ރަށެއްގައި މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ޤުދުސަކީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގައި ގަދަބާރުން އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ރަށެކެވެ. އދ އާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ދެކެނީ ޤުދުސް އިސްތިޢުމާރީ އުސޫލުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ރަށެއްކަމަށެވެ.  އެ ރަށުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އެތައް ޤަރާރެއް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވެއެވެ.

މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއެވެ. އެއީ މައްކާގެ ގެފުޅާއި މަދީނާގައިވާ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ މިސްކިތްކޮޅު ކަމަށްވާ މަސްޖިދުއް ނަބަވީ ފިޔަވައި މުސްލިމުންގެ އެންމެ މާތް މިސްކިތެވެ. މި ގޮތުން މަސްޖިދުލް އަޤްޞާ ބެލެވެނީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅުގެ ގޮތުގައެވެ.

 ޤުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މި މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުން އިޙުތިޖާޖުކުރަން ފަށާފައިވާއިރު، ފަލަސްތީނުގެ އެތަށްހާސް ބަޔަކު ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ގެންދަނީ މުޒާހަރާކޮށް އެމެރިކާ އާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެމެރިކާގެ މި ހަރުކަށި އަމަލު އިސްލާމީ ދުނިޔެއިން ސިފަކުރަނީ އިސްލާމީ އުންމަތާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކާއި އިސްތިޢުމާރީ ހަރަކާތްތަކަށް ހިއްވަރު ދިނުމުގެ އަމަލެއްގެ ގޮތުގައެވެ. މި ކަމުގެ ނަތީޖާ ވަރަށް ހިތި ގޮތެއްގައި އެމެރިކާއަށް ފެނިގެންދާނެކަމުގެ އިންޒާރު އިސްލާމީ ލީޑަރުން އެމެރިކާއަށް ވަނީ ދެއްވާފައެވެ.

އެމެރިކާގެ މިއުދުވާނީ ޢަމަލާ ދެކޮޅަށް ބާރުގަދަ ނިންމުންތަކެއް ނިންމުމަށްޓަކައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ ކުއްލި ސަމިޓެއް ބޭއްވުމަށް ތުރުކީވިލާތާއި އުރުދުން އިން ވަނީ އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީއަށް ގޮވާލައްވާފައެވެ.

ޢަރަބި ޤައުމުތަކުން ވަނީ މި މައްސަލަ އިސްލާމީ ދުނިޔޭގައި ވަރަށް ހޫނުވެގެންދާނެކަމާއި، އެމެރިކާގެ މިޢަމަލަކީ ބައިނަލްއަޤުވާމީ އަމަނާއި ސުލްޙަ ނަގާލުމުގެ ހަރުކަށި ޢަމަލެއްކަމަށް ސިފަކޮށްފައެވެ. އެމެރިކާއިން ހިންގާ މިފަދަ ޒިންމާދާރުކަމެއް ނެތް ހަރުކަށި ޢަމަލުތަކުގެ ގެއްލުން ޚުދު އެމެރިކާއަށްވެސް ފޯރާނއެވެ.  އެމެރިކާގެ އިސްލާމީ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ވަނީ އެމެރިކާގެ މި ނިންމުން ބަލައިނުގަންނާނޭކަމަށް ބުނެފައެވެ.