ދުނިޔެ

ޖީސީސީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ- ކުވައިތުގެ ޢަމީރު


ގަލްފް ކޯޕަރޭޝަން ކައުންސިލް، ޖީސީސީގައި ހިމެނޭ ޤައުމުތަކުގެ މެދުގައި ދިމާވާ މައްސަލަތައް ކުރިއަށް އޮތްތަނުގައި ހައްލުކުރުމަށް އެ ކައުންސިލްގެ އޮނިގަނޑަށް ބަދަލުގެންނަން ޖެހުމަކީ އެކަށިގެންވާ ކަމެއްކަމަށް ކުވައިތުގެ ޢަމީރު ވިދާޅުވެއްޖެއެވެ.

ކުވައިތުގެ ޢަމީރު ޝޭޚް ޞަބާޙް ޢަލް ޢަހްމަދު ޢަލް ޞަބާޙް މިހެން ވިދާޅުވެފައިވަނީ ކުވައިތު ސިޓީގައި ކުރިއަށްގެންދިޔަ ޖީސީސީގެ ބައްދަލުވުން ކުއްލިގޮތަކަށް ނިންމާލާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ކުވައިތުގެ ޢަމީރު ވިދާޅުވީ ޖީސީސީއަށް ކުރިމަތިވާ ގޮންޖެހުންތަކާ އެންމެ އެކަށިގެންވާ ގޮތެއްގައި ކުރިމަތިލެވޭނީ އެ ޖަމިއްޔާގެ ހިންގާ ނިޒާމަށާއި އޮނިގަނޑަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

ޢަމީރު ޝޭޚް ޞަބާޙް ޢަލް ޢަހްމަދު ޢަލް ޞަބާޙް ވަނީ ޖީސީސީގައި ހިމެނޭ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކާ ކުރިމަތިލުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް އެ ޖަމިއްޔާއިން ވިސްނަމުންދާކަމަށް ވިދާޅުވެފައެވެ.

ޖީސީސީގެ ސަމިޓު ނިންމާލާފައިވަނީ ތަވާލުކޮށްފައިވާ ގޮތާ ޚިލާފަށް، އެއް ދުވަސް ކުރިންނެވެ.

ޖީސީސީގައި ހިމެނެނީ ސަޢުދީ ޢަރަބިއާ، ޔޫއޭއީ، ބަޙުރައިން، ޤަތަރު، އުމާން އަދި ކުވައިތެވެ.

މީގެ ތެރެއިން ސަޢުދީ ޢަރަބިއާ، ޔޫއޭއީ އަދި ބަޙުރައިނުން ވަނީ ޤަތަރާއެކު އޮންނަ ގުޅުން ކަނޑާލާފައެވެ.

އަދި މި ފަހަރުގެ ޖީސީސީ ސަމިޓުގައި އެ ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވަޑައިގެންފައެއް ނުވެއެވެ.