ޚަބަރު

ސްޓާބަކްސްގެ އެންމެ ބޮޑު ސްޓޯރ ޝަންގްހާއީގައި


މަޝްހޫރު ކޮފީ ފްރެންޗައިޒް ސްޓާބަކްސްއިން މިހާތަނަށް ހުޅުވި އެންމެ ބޮޑު ސްޓޯރ ޗައިނާގެ ޝަންގްހާއީގައި ހުޅުވައިފިއެވެ.

މިއީ އެމެރިކާގެ ސްޓާބަކްސްއިން އަމިއްލަ ސިޓީ، ސިއާޓަލުން ބޭރުގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ކޮފީ ރޯސްޓެރީ ސްޓޯރއެވެ. ރިޒާވް ރޯސްޓަރީގެ ނަމުން ނަންދީފައިވާ 2700 ސްކުއެރ މީޓަރުގެ މިސްޓޯރއިން ސްޓާބަކްސްގެ ނަންމަޝްހޫރު ގޯމެ ކޮފީ އަދި ބޭކަރީގެ މީރު ކާބޯތަކެތި ލިބެން ހުރެއެވެ. މިސްޓޯރގައި ޑިޖިޓަލް އެޕްތައް ބޭނުންކޮށްގެން ކޮފީ ރޯސްޓްކުރާ މަންޒަރު ކަސްޓަމަރުންނަށް ބަލާލެވޭއިރު، މެނިއުގައި ހުންނަ އެކި ބާވަތުގެ ތަކެތީގެ ރަހަބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ސްޓާބަކްސްއިން މައުލޫމާތުދެއެވެ. އަދި މޯބައިލްފޯނު މެދުވެރިކޮށް މިސްޓޯރގެ އެކިއެކި ކައުންޓަރުތަކާއި ތަންތަނުގައި ހުންނަ އެކިއެކި އިތުރު ހިދުމަތް ލިބެންހުންނާނެއެވެ.

ޗައިނާއަކީ ސްޓާބަކްސްގެ މައި މާރކެޓެއްކަމަށްވާއިރު، އަލަށް ހުޅުވި މިސްޓޯރގައި އެއްފަހަރާ 500އަށް ވުރެގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެކަމަށް ސްޓާބަކްސްއިން ބުނެއެވެ. މިސްޓޯރއަކީ ޗައިނާގެ މަތީފަންތީގެ މާރކެޓަށް އަމާޒުކޮށް ހުޅުވާފައިވާ ސްޓޯރއެއްކަމަށް ސްޓާބަކްސް ކުންފުނިން ބުނެއެވެ.

ޗައިނާގައި މިހާރުވެސް ސްޓާބަކްސްގެ 3000 ހަށް ވުރެ ގިނަ ސްޓޯރ ހުންނައިރު، ކޮންމެ ފަނަރަ ގަޑިއިރަކުން ޗައިނާގައި ސްޓާބަކްސްގެ އައު ސްޓޯރެއް ހުޅުވާކަމަށް މައުލޫމަތުލިބެއެވެ. ސްޓާބަކްސްގެ އެގްޒެކެޓިވް ޗެއަރމަން ހޮވާޑް ޝުލްޓްސް ބުނީ ޗައިނާގައި އެކުންފުނީގެ މިހާބޮޑު ސްޓޯއެއް ހުޅުވިގެން ދިއުމަކީ ކުރިޔަށް އޮތްތާނގައިވެސް މިކުންފުނި ޗައިނާގައި އިތުރަށް ފުޅާވަމުންދާނެކަމުގެ ފެހިސިގްނަލެއްކަމަށެވެ. އަދި ސްޓާބަކްސަށް ކުރިޔަށް އޮތްތާނގައި އެމެރިކާގެ މާރކެޓަށްވުރެވެސް ޗައިނާގެ މާރކެޓް ބޮޑުވާނެކަމަށް ޝުލްޓްސް ބުނެއެވެ.

 ޗައިނާގައި ސްޓާބަކްސްގެ ޗެއިން ސްޓޯރތަކަކީ މަތީފަންތީގެ މާރކެޓަށް ހާއްސަކޮށް، އަގުބޮޑު ކޮފީއާއި ކޮފީއެކުލެވޭ އެކި ބުއިންތަކާއި ޕޭސްޓްރީއާ އެކި ބާވަތުގެ ކާބޯތަކެތި ލިބެންހުންނަ ސްޓޯރތަކެކެވެ. ސްޓާބަކްސްގެ އެންމެ ބޮޑު ސްޓޯ ޝަންގްހާއީގައި ހުޅުވިފައިވާއިރު، އެސިޓީގައި މިހާރުވެސް ސްޓާރބަކްސްގެ ފައްސަތޭކަ ސްޓޯރ ހުރެއެވެ.