ކުޅިވަރު

ޤައުމީ ޗެސް ޓީމް އެކުލަވާލައިފި


އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާ ޤައުމީ ޗެސް ޓީމު އެކުލަވާލައިފިއެވެ. 

މޯލްޑިވިސް ޗެސް ފެޑެރޭޝަނުން ވަނީ ޤައުމީ ޓީމް އެކުލަވާލުމަށްޓަކައި މިދިޔަމަހުގެ ތިރީހުން އިއްޔެގެ ނިޔަލަށް ސިލެކްޝަން މުބާރާތެއް ބާއްވާފައެވެ. އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެކުލާވާލި ޤައުމީ ޓީމުގައި އަންހެން ދެކުޅުންތެރިންނާއި، ފިރިހެން ދެ ކުޅުންތެރިން މުޅިން އަލަށް ވަނީ ހިމަނާފައެވެ. 

މިފަހަރު އެކުލަވާލި ޤައުމީ ފިރިހެން ޗެސް ޓީމުގައި ހިމެނެނީ ހަސަން މުހަންމަދު، އަލީ އަބްދުލް ރަހްމާން، އަޝްރަފް އަހުމަދު،އިބްރާހީމް އަހުމަދު އަމަން ގެ އިތުރުން ފާރޫގް ނޫރުއެވެ. ޤައުމީ އަންހެން ޗެސް ޓީމުގައި ހިމެނެނީ އަބްދުﷲ ޒައުރާ، ރިލްވާން ނުހާ، އަހުމަދު ނިހާޔާ، އަހުމަދު ޝަރީފް އައިޝަތު އަލްޔާގެ އިތުރުން މުހަންމަދު އުސާމަތު ކިޔާންއެވެ. 

ޤައުމީ ޓީމް އެކުލަވާލުމުގައި ހަރަކާތްތެރިވި ޗީފް އާރބިޓަރ މުހަންމަދު އިޖާޒް ބުނީ ކޮންމެ އަހަރަކުވެސް ހަމަހުން އެއް ފަހަރު ޤައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށާއި، މީގެފަހުން ކޮންމެ ހަތަރު މަހުކުން އެއްފަހަރު ޤައުމީ ޓީމު އެކުލަވާލާނެ ކަމަށެވެ.

" ހުރިހާ އެންމެނަށް އާއްމުކޮށް ހުޅުވާލައިގެން މިފުރުސަތު ކުރިޔަށްގެންދިޔައީ. ވަރަށް ހައިރާންވި މިހާބޮޑު ވާދަވެރިކަމެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީމަ. ދެ ކެޓަގަރީގަ ވެސް ވަރަށް މޮޅު ކުޅުންތެރިން ޤައުމީ ޓީމުގައި މިފަހަރު ހިމެނޭ. މިއީ ދުނިޔޭގައި ވެސް އެންމެ ޅަ ކުދިން ގިނަ ޓީމްހެން ހީވަނީ"

އިޖާޒް ބުނީ އެކުލަވާލެނު ޤައުމީ ޓީމާއެކު ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެކަމަށެވެ. އެގޮތުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާރޗުން އޭޕްރީލްއަށް ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފަވާ ބީސީސީއައި ޗެސް ޗެންޕިއަންޝިޕްގައި ވާދަކުރުމަށެވެ. އެމުބާރާތަކީ އޭޝިޔާގެ ގިނަ ޤައުމުތަކުން މޮޅު ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ.