ކުޅިވަރު

ސީލައިފް ޤައުމީ ވޮލީ ލީގުން ކެޓުމުގެ ބިރު ސީލައިފަށް!


ތިން މެޗުންވެސް ބަލިވެ، ޤައުމީ މުބާރާތުން ފުރުޞަތު ގެއްލުމުގެ ބިރު ސީލައިފަށް ކުރިމަތިވެއްޖެއެވެ. 

ސީލައިފް ޤައުމީ ވޮލީބޯޅަ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ސީލައިފް ވަނީ ބަލިވެފައެވެ. ތިންވަނަ މެޗުގައި ރޭ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން ބަލިވީ ތިން ސެޓް ދެ ސެޓުންނެވެ. 

ޤައުމީ ޓީމްގެ ގަދަ ހައެއްގައި ކުޅޭ މުޙިއްމު ކުޅުންތެރިންނާއެކު މުބާރާތުގައި ވާދަކުރާ ސީލައިފްގެ މައްޗަށް ޒުވާން ކުޅުންތެރިންނާއި، ލަންކާގެ ދެ ކުޅުންތެރިން ހިމެނޭ މާޒިޔާ ކުރި ހޯދީ ދެވަނަ ސެޓާއި ފަހު ދެ ސެޓް ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ސެޓްގައިވެސް ސީލައިފްއަށް ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ. ފުރަތަމަ ސެޓް ސީލައިފް ގެންދިޔައީ 25-23 ނެވެ. ޖެހިގެން އައި ސެޓް 25-15 ން ކާމިޔާބުކޮށް، މާޒިޔާއިން ސީލައިފް ސިއްސުވާލިއެވެ. ނަމަވެސް ތިންވަނަ ސެޓް 25-16 ން ކާމިޔާބުކޮށް ސީލައިފްއިން އުއްމީދު ހޯދިއެވެ. މާޒިޔާގެ ޅަ ޓީމުން ހަތަރުވަނަ ސެޓް ގެންދިޔައީ 25-19 ނެވެ. ވާދަވެރި ފަހު ސެޓް ގެންދިޔައީ 15-12 ނެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިޔަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ލަންކާ ކުޅުންތެރިޔާ އަޝާންއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އަލީ އަޝްރަފް ބުނީ މެޗަށް ނިކުތީ ސީ ލައިފް ސްޕޯރޓްސް ކްލަބަކީ ކޮންބައެއްކަން ވަރަށް ރަނގަޅަށް އެނގިތިބެކަމަށާއި، ހާއްސަކޮށް ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއި އިންޑިއާގެ ކުޅުންތެރިންނާ ވާދަކޮށް މެޗް ކާމިޔާބުކުރެވުމުން ހިތްހަމަޖެހޭކަމަށެވެ.

ޓީމުގެ ކުޅުން ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަން ފާހަގަކުރަމުން މާޒިޔާގެ ކޯޗް އަޝްރަފް ބުނީ ފުރަތަމަ މެޗް ކުޅުނީ ޓީމުގެ ވަރަށް މުހިންމު ދެ ކުޅުންތެރިންނާ ނުލާކަމަށާއި، މިހާރު އެދެކުޅުންތެރިން ޓީމާ ގުޅުމުގެ ސަބަބުން ޓީމްގެ ކޮންބިނޭޝަން ވަރަށް ބޮޑަށް ރަނގަޅުވެގެން ގޮސްފައިވާކަމަށެވެ. 

މެޗަށް ފަހު ސީ ލައިފް ސްޕޯރޓްސް ކްލަބުގެ ކޯޗުގެ ބަހެއް ހޯދާލުމަށް ޕީއެސްއެމްގެ ސްޕޯރޓްސް ޓީމް ކުރި މަސައްކަތަށް އެޓީމުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ސީލައިފްގެ ކޯޗުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ސީލައިފަކީ ސީދާ ތަށްޓަށް އަމާޒުކޮށް ލީގުގައި ވާދަކުރާ ޓީމެކެވެ. ސެޓަރު އިޝާން މުޙައްމަދާއި، އަލީ ހުޒާމާއި، އަލީ އާމިރު، ހަސަން ނިލާމްއާއި، ޖަވާމް އަލީއާއި، މުޙައްމަދު އަހުސަން ފަދަ ކުޅުންތެރިން ތިބީ ސީލައިފްގައެވެ. މީގެއިތުރުން ކުރީގެ މޮޅު ކުޅުންތެރިޔާ ނިޒާރު އިބްރާހީމްވެސް އަލުން ކޯޓަށް ނިކުތީ ސީލައިފަށް ތަށި ހޯދައިދިނުމުގެ އަޒުމުގައެވެ.