ޚަބަރު

ދިވެހި އެމްބަސީ އިން ޕާކިސްތާނުގައި މިއުޒިކް ޝޯއެއް ބާއްވައިފި


ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއާއި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އަދި ޕާކިސްތާނުގެ ނޭޝަނަލް ކައުންސިލް ފޯ އާރޓްސް ގުޅިގެން ޕާކިސްތާނުގައި މިއުޒިކު ޝޯ އެއް ބާއްވައިފިއެވެ. 'މޯލްޑިވްސް މިއުޒިކަލް އިވްނިންގ 2017' ގެ ނަމުގައި ބޭއްވި މިޝޯވއަކީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ސަޤާފީ ދާއިރާއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވި ޝޯއެކެވެ.

ޕާކިސްތާނުގެ ނޭޝަނަލް ތިއޭޓަރ ގައި ބޭއްވި މި ޝޯވ ކޯ-ސްޕޮންސަރ ކޮށްފައިވަނީ ޕާކިސްތާނުގެ ލަހޯރާއި ކަރާޗީގައި ތިއްބަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް އިންނެވެ. މިޝޯގައި ދިވެހިރާއްޖޭގެ މަޝްހޫރު ފަންނާނުން ލަވާ ހުށަހަޅާ ދިނެވެ. ދިވެހި ލަވަޔާއި ޕާކިސްތާނުގެ ލަވަތައް ހުށަހަޅައިދިން ފަންނާނުންގެ ތެރޭގައި ރާފިޔަތު ރަމީޒާއާއި ޢަލީ ޢަބްދުލްކަރީމް (ރުކުމާ) އާއި ސާދިން އަލީ އާއި ނަވީޒް ސަލީމް ހިމެނެއެވެ. މި ޝޯވގައި ޕާކިސްތާނުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޕާކިސްތާނުގެ ޤާނޫނުހަދާ މަޖްލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި އާންމުންގެ ގިނަބަޔަކު ބައިވެރިވެއެވެ.