ޚަބަރު

"ގޮނޑި ގެއްލިފައިވާ 3 މެމްބަރުންގެ މައްސަލަ ކުރިއަށްގެންދެވޭނެ"


ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް ހުއްދަނެތި ވަތް މައްސަލައިގައި މަޖިލީހުގެ ގޮނޑި ގެއްލިފައިވާ 3 މެމްބަރުންގެެ މައްޗަށް ކުރާ ދައުވާ މަޑުޖައްސާލަންޖެހޭ ސަބަބެއްނެތްކަމަށް ކަނޑައަޅައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައަޅައިފައިވަނިކޮށް، މިއަހަރުގެ ޖުލައި މަހު، ޤަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލިސްކުރާގެއަށް ވަތް މައްސަލައިގައި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އުފުލައިފައިވަނީ، ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމާއި، ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސަޢުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަމީތުގެ މައްޗަށެވެ. 

މިއަދު ބޭއްވި މިމައްސަލައިގެ އިބްތިދާޢީ އަޑުއެހުމުގައި މި 3 މީހުންގެ ވަކީލުން އެދިފައިވަނީ މި 3 މީހުންގެ މައްޗަށް މި މައްސަލައާ ގުޅިގެން އިތުރު ދައުވާއެއްވެސް ކުރަމުންދާތީ، އެދައުވާގެ ޝަރީޢަތްތައް ނިމެންދެން މިމައްސަލަ މަޑުޖައްސާލުމަށެވެ. ދިފާޢީ ވަކީލުން ވިދާޅުުވީ އެއް ޢަމަލަކާ ގުޅިގެން 2 ދައުވާއެއް ހުށައަޅާފައިވުމުން މައި ދައުވާ ނިމެންދެން، މައްސަލަ މަޑުޖައްސައިލުމަކީ ކުރިންވެސް ކޯޓުން ޢަމަލުކޮށްފައިވާ ގޮތްކަމަށެވެ. 

ނަމަވެސް މިކަމަށް ޖަވާބުދެއްވަމުން ޤާޟީ ވިދާޅުވީ މިމައްސަލައާ ގުޅިިގެން ހުށައަޅާފައިވާ 2 ދަޢުވާއާ ގުޅުމެއް ނެތްކަމަށެވެ. އެގޮތުން މިމައްސަައާ ގުޅިގެން ދެން ކޮށްފައިވާ ދައުވާއަކީ ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާކަމަށެވެ. އަދި މިދައުވާއާ އެނގިހުރެ ހުއްދަނޫންތަކަށް ވަނުމުގެ ދައުވާއަކީ ވަކި ޢަމަލަކާ ގުޅިިގެން ހުށައަޅާފައިވާ ދަޢުވާއެއްކަމުން މިމައްސަލަ މަޑުޖައްސާލަންވީ ސަބަބެއް ނެތްކަމަށް ޤާޟީ ވިދާޅުވިއެވެ. 

އިބްތިދާޢީ އަޑުއެހުމުގައި ދައުވާ ހުށައަޅުއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މި ތިން މީހުންގެ މައްޗަށްވެސް ދައުވާކޮށްފައިވަނީ މަޖިލީހުގެ މެމްބަރުންނަށާއި މުވައްޒަފުންނަށް އެކަނި ވަދެވޭގޮތަށް މަޖިލީހުގެ އިދާރާ ބަންދުކޮށްފައިވަނިކޮށް، މި ތިން މީހުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅިފަހުން، ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ތެރެއަށް ވަދެފައިވާތީކަމަށެވެ. ދައުލަތުން ވަނީ ހެކިންގެ ގޮތުގައި މަޖިލީހުގެ ސަލާމަތީ ކަންކަމުގައި އެދުވަހު ހަރަކާްތްތެރިވި ބައެއް ސިފައިންނާއި، ފުލުހުންގެ ނަން ހުށައަޅައިފައެވެ. އަދި މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފޫޓޭޖާއި، މަޖިލީހުން ޑިފެންސަށް ފޮނުވާފައިވާ ސިޓީއަކާއި، އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްވެސް ޤަރީނާގެ ގޮތުގައި ކޯޓަށް ހުށައަޅާފައިވެއެވެ. 

ދައުލަތުން ދައުވާ ހުށައެޅުމާއެކު އަމީތާއި ވަހީދާއި ސައުދުވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މިމައްސަލައިގެ ޝަރީޢަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނައަހަރުގެ ޖެނުއަރީމަހުގެ 16 ވަަނަ ދުވަހުއެވެ.