ދުނިޔެ

ސުލްހައިގެ ވާހަކަތަކުން ސޫރިޔާ ވަކިވުމުން ރަޝިޔާ ލަދުގަންނަންޖެހޭ


ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އދން އިސްނަގައިގެން ހުސްވި ހަފުތާގައި ބޭއްވި ވާހަކަތަކުން ސޫރިޔާގެ ސަރުކާރު ވަކިވުމަކީ އެ ޤައުމަށް އެންމެ ބޮޑަށް ވާގިވެރިވެދެމުން އަންނަ ރަޝިޔާއިން ލަދުވެތިވާން ޖެހޭނެ ކަމެއްކަމަށް ސޫރިޔާގެ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

ސުވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަވާ، ނޫސްވެރިންނާ ވާހަކަދައްކަވަމުން ސޫރިޔާގެ އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ޔަހްޔާ ޢަލް އަރްދީ ވިދާޅުވީ، ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުން އެ ޤައުމުގެ ސަރުކާރުގެ ވަފުދު ވަކިވުމަކީ ސޫރިޔާގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ހިތްހަމަނުޖެހޭނެ ކަމަށާއި، މިކަމަކީ ޚާއްސަކޮށް ރަޝިޔާއިން ލަދުގަންނަން ޖެހޭނެ ކަމެއްކަމަށެވެ.

އަދި މި ކަމުގައި ރަޝިޔާއިން ގެންގުޅޭ ސިޔާސަތުވެސް އިދިކޮޅު ފަރާތްތަކަށް ވިސްނޭ ކަމަށާއި ރަޝިޔާއިން ބޭނުންވަނީ ހަނގުރާމައަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް އަލް އަރްދީ ވިދާޅުވިއެވެ.

ސުލްޙައިގެ ވާހަކަތަކުން ވަކިވުމަށް ސޫރިޔާއިން ނިންމާފައިވާ ނިންމުމާމެދު ރަޝިޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އދން އިސްނަގައިގެން ކުރިއަށްގެންދިޔަ ވާހަކަތަކުން ސޫރިޔާގެ ވަފުދު ވަކިވެފައިވަނީ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މަޤާމުން ވަކިކުރެއްވުމަށް ގޮވާލައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ނާންނަކަމަށް ދަޢުވާކުރަމުންނެވެ.

މަޝްވަރާތަކުގެ 8 ވަނަ ބުރުގައި ކާމިޔާބީތައް ލިބުނުކަން އދން ފާހަގަކުރި ނަމަވެސް މި ބުރުގެ ވާހަކަތަކުގައިވެސް ސޫރިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެއް މޭޒެއްގެ ދޮށުން ބައްދަލުކުރައްވާފައެއް ނުވެއެވެ.