ދުނިޔެ

އިސްރާއީލުގެ މައްސަލައިގައި އެމެރިކާގެ ވިސްނުމަށް ފާޑުކިޔުންތައް


އިސްރާއީލުގެ ވެރިރަށަކީ ޤުދުސް ކަމަށް ބުނެ އިސްރާއީލުން ނިންމާފައިވާ ޣައިރު ޤާނޫނީ ނިންމުން ޤަބޫލުކުރުމަށް އެމެރިކާއިން ވަމުންދާ ތައްޔާރީތައް ވަގުތުން ހުއްޓާލުމަށް އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާ އޯ.އައި.ސީ އިން ގޮވާލައިފިއެވެ.

މިމައްސަލައާބެހޭގޮތުން މަޝްވަރާކޮށް އިސްލާމީ ޤައުމުތަކުގެ ސިޔާސަތުތައް ހާމަކޮށްދިނުމަށް ފަލަސްތީނުން އެދުމާ ގުޅިގެން އޯ.އައި.ސީ އިން ބޭއްވި ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ، މާތްވެގެންވާ މަސްޖިދުލްއަޤްޞާ ހުންނަ ޤުދުސަކީ 1967ގެ ހަނގުރާމައިގައި އިސްރާއީލުން ގަދަބާރުން ހިފައި އިސްތިޢުމާރުކޮށްފައިވާ ފަލަސްތީނުގެ ރަށެއްކަން އެމެރިކާއަށް ހަނދާންކޮށްދީ، އެ ޙާލަތު ބަދަލުވާފަދަ ނިންމުމެއް ނުނިންމުމަށް އެމެރިކާއަށް އިލްތިމާސްކުރާކަމަށެވެ.

ސައޫދީގެ ޖިއްދާގައި ބޭއްވި މިބައްދަލުވުމުން ނެރުނު ބަޔާނުގައި އިސްރާއީލުގެ ގޮތުގައި މިހާރު އޮތް ބިމާއި ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގައި އިސްތިޢުމާރީ އުޞޫލުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ބިންތައް ތަފާތުކަން ފާހަގަކޮށް، މި ޙަޤީޤަތް ޤަބޫލުކޮށް، އެއާ އެއްގޮތަށް އެބިންތަކާ މެދު މުޢާމަލާތްކުރުމަށް އެމެރިކާއަށް ގޮވާލާފައިވެއެވެ.

މަސްޖިދުލްއަޤްޞާ ހުންނަ ޤުދުސަކީ މީގެ ތެރެއިން ހުޅަނގު އައްސޭރީގައި ހިމެނޭ ބިމެކެވެ.

އެމެރިކާގެ މަސްއޫލުވެރިން ވަނީ އިސްރާއީލުގެ ވެރި ރަށުގެ ގޮތުގައި ޤުދުސް ހަމަޖެއްސުމަށް އިޢުތިރާފުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރަމުން ގެންދަވާކަން ހާމަކުރައްވާފައެވެ.