ޚަބަރު

"އެއާޕޯޓް ސެކިއުރީޓީއަށް ފަތުރުވެރިން ދެނީ ފަހި ޖަވާބެއް"


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން އެކަން ފަތުރުވެރިންނާއި އެއާޕޯޓުން ފުރާ މީހުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން ބެއްލެވުމަށް އެއާޕޯޓަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ހަތިޔާރާއެކު ސިފައިން އެއާޕޯޓުގައި ހަރަކާތްތެރިވުމުން ފަތުރުވެރިން ދިނީ ވަރަށް "ފަހި" ޖަވާބެއް ކަމަށެވެ. އެގޮތުން ސިފައިން އެއާޕޯޓުގައި އެގޮތަށް ހަރަކާތްތެރިވުމުން ފަތުރުވެރިންނާއި އެއާޕޯޓުން ފުރާ މީހުންނަށް ރާއްޖޭގެ އެއާޕޯޓުގެ ސެކިއުރިޓީއާ މެދު އިތުރު ޔަޤީން ކަމެއް ލިބިގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެކުރިން ބައެއް އެއާލައިންތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއިކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ބައެއް އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ އެއާޕޯޓުގެ ސެކިއުރިޓީވެސް ވަރުގަދަ ކުރަންޖެހޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމަ އެގޮތުން އެޅި ފިޔަވަޅުތައް އަޅުގަނޑުމެން އަޅާފައި ވާނީ ހުރިހާ ގޮތަކުންވެސް ބެލުމަށްފަހު. އަދި މިފަދަ [ޓެރަރިޒަމްގެ] ހަމަލާތައް ދުނިޔޭގެ އެއާޕޯޓުތަކަށް ދެމުންދާއިރު އަޅުގަނޑުމެންވެސް އެބަޖެހޭ އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރަން. އެކަން ކޮށްފައިވާނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާފައި،" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢުތައްކަމަށްވާ ހުޅުލެއާ މާލެ ގުޅުވައިދޭ ބްރިޖާއި އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ނިމުމުން ހުޅުލެއަށް އަންނަ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި ބްރިޖު ހުރަސްކޮށް ހުޅުލެއަށް އަންނަ މީހުންގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.



"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ދުވަހުން ދުވަހަށް ހަރުދަނާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން [ސަރުކާރުން] މި އަންނަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުން. އެކަމުގެ ނަތީޖާވެސް އަޅުގަނޑުމެންނަށް އަންނަނީ ފެންނަމުން،" މިނިސްޓަރ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަތިޔާރާއެކު އެެއާޕޯޓްގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.