ޚަބަރު

ޓެރަރިޒަމް ހުއްޓުވުމަށް އިޖްތިމާއީ ހަރަކާތްތަކެއް!


ހައްދުފަހަނައަޅައިދިއުން ނައްތާލުމުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައިފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ތަންފީޒީ އިދާރާތަކުން ގުޅިގެން އެކުލަވާލާފައިވާ، "ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން ނައްތާތުމުގެ ސްޓްރެޓަރޖީ" ގައި، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުން ނައްތާލުމަށް މުޖުތަމައާ ގުޅިގެން، އިޖްތިމާއީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.

މިސްޓްރެޓަރޖީގައި ހިމަނާފައިވާ މުހިންމު ކަންތައްތަކަށް ބަލާއިރު، އެފަދަ ފިކުރުތައް ނައްތާލުމަށް އިޖްތިމާއީ ހަރަކާތްތަކާއި، ދީނީ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ޕްރޮގްރާމްތަކެއް ހިންގުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނު ތަންފީޛް ކުރުމުގެ ދާއިރާއާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިންވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތަކަށް މަގުފަހި ނުވާގޮތަށް ޢަމަލުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުން އެކަމެއް ކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެފަދަ ކަމެއް ހިންގުމުގެ ފުރުޞަތު ދިވެހި މުޖުތަމައުގައި ކުޑަކޮށް، އެފަދަ ކަމެއް ހިންގަން މެދުވެރިވާ ސަބަބުތައް ނައްތާލުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަށް ޒީރޯ ޓޯލަރރެންސް ދިނުމަކީ، ނުވަތަ އެއްވެސް މިންވަރަކަށް ފުރުސަތު ނުދިނުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެކެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތައް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަކީވެސް ސަރުކާރުގެ ސިޔާސަތެކެވެ.

ދިވެހި މުޖުތަމައަށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ބޮޑު ނުރައްކަލެއް ނެތްނަމަވެސް، މިފަދަ ކަމެއް މެދުވެރި ވެދާނެކަމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ތައްޔާރީ ޙާލަތެއްގައި އޮންނާނެކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިވެފައިވާއިރު، ރާއްޖެ މިކަމުން އިސްތިސްނާ ވެދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ގެންދަނީ ބައިނަލްއަޤަވާމީ އިންޓެލިޖެންސް އޭޖެންސީތަކާ ގުޅިގެން އިންޓެލިޖެންސް މަޢުލޫމާތު އެއްކުރަމުންނެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި ސްޓްރެޓަރޖީއަކީ އެމް.އެން.ޑީ.އެފާއި، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ސްޓެރޓަރޖީއެއްކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ.