ޚަބަރު

ގ.ދ އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ ދެކުނަށް މިހާރުކުރަމުންދާ ވިއްސާރައިގައި ގ.ދ އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެފައިވާކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ގއ.އާއި ގދ އަތޮޅަށް މިއަދުގެ ހެނދުނު ދިހައަކުން ފެށިގެން މެންދުރު ބާރައާ ހަމައަށް ޔެލޯ އެލާޓްނެރެފައިވެއެވެ.

ބޯކޮށްވާރޭ ވެހުމާގުޅިގެން ފިޔޯރީ، ރަތަފަންދޫ، ނަޑައްލާ، އަދި ގައްދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. މީގެ އިތުރުން މި ދެ އަތޮޅުގެ އެކިރަށްރަށުގެ ބައެއް މަގުތަކުގައިވެސް ފެންބޮޑުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ދެދުވަހު، ރާއްޖޭގެ މޫސުން ރަގަޅުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން ބުނީ އިރު ދެކުނުގެ، ބޭ އޮފް ބެންގާލްގައި ލޯޕްރެޝަރ ޓްރަފެއް އުފެދިފައިވީނަމަވެސް އޭގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށެވެ. ރާއްޖޭގެ މޫސުމަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް، ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.

މިއީ ވިއްސާރަ މޫސުމެއްކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.