ޚަބަރު

މިއަދު ބާއްވަން ތާވަލްކުރި، ޝިޔާމްގެ ޝަރީއަތް ކެންސަލްކޮށްފި





ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އުޅުނު ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރ އަދި އެމްޑީއޭ ގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދުގެ ޝަރީއަތް ކެންސަލްކޮށްފިއެވެ. ނުވައެއް ޖަހާއިރަށް ޝެޑިއުލްކޮށްފައިވާ ޝަރީއަތް ކެންސަލްކުރީ އޭނާއަށް ޗިޓް ހަވާލް ނުކުރެވިގެންކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.


 


އެނގިފައިވާގޮތުގައި ޝިޔާމާއި ޗިޓް ހަވާލް ނުކުރެވުނު ނަމަވެސް އޭނާ މިވަގުތު ހުރީ ރާއްޖޭގައެވެ. ޝިޔާމްގެ މައްޗަށް ދައުލަތުން ކުރަނީ ރާއްޖެއަށް ބަނގުރާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ މާރޗް މަހުގެ ތިރީސް ވަނަ ދުވަހު ޝިޔާމް ރާއްޖެ ވަޑައިގަތުމުން، ކަސްޓަންސްއިން އޭނާގެ ލަގެޖް ސްކްރީން ކުރިކަމަށާއި، ލަގެޖްތެރޭގައި ދިޔާއެއްޗެއްހުރި ފުޅިއެއް އޮތްކަމަށް ދެއްކި ކަމަށެވެ. އަދި އެފުޅީގައި ހުރި ދިޔާ ތަކެތި ބަނގުރަލަށް ޝައްކުކުރެވިގެން ބެލުމުން ބަނގުރަލުގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤަވާއިދާއި ޚިލާފަށް އެތެރެކުރިކަމުގެ ދައުވާ ޝިޔާމްގެ މައްޗަށް އުފުލާކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެއެވެ. ނަމަވެސް ޝިޔާމް ވަނީ އެދައުވާއަށް އިންކާރުކޮށްފައެވެ. ބަނގުރާ އެތެރެކުރިކަމުގެ ކުށް ޝިޔާމްގެ މައްޗަށް ސާބިތުވެއްޖެނަމަ، އަދަބަކީ އެއްއަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން، ނުވަތަ އެއްހާސް ރުފިޔާއާއި، ފަސްހާސް ރުފިޔާއާއި ދެމެދުގެއަދަދަކުން ޖޫރިމަނާ ކުރުމެވެ.