ޚަބަރު

ގައިދީން މަސައްކަތުގެ މައިދާނަށް ނެރުމުގެ މަސައްކަތް





ގައިދީން މަސައްކަތުގެ މައިދާނަށް ނެރެ، ގައިދީން ބައިވެރިކޮށްގެން މަސައްކަތްކުރާ ގޮތަށް މިހާރު ސަރުކާރުން 4 ކޮންޓްރެކްޓެއް ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.  އެމްބީސީ ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި 300 އަށްވުރެ ގިނަ ގައިދީން މަސައްކަތަށް ނިކުމެ އާމްދަނީ ހޯދަމުންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި، މަސައްކަތްތަކުގައި ބޭނުންކުރާ ގައިދީންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ނަގާފައިވާ ކޮންޓްރެކްޓް ތަކުގެ ދަށުން ގައިދީން މަސައްކަތްކުރަން ޖެހޭނީ  އާންމުންނާ އެކަހެރި ތަންތަނުގައި ކަމަށެވެ. އެހެންނަމަވެސް އާންމު ތަންތަނުގައިވެސް ކުށްވެރިން ބޭނުންކޮށްގެން ކުރެވިދާނެ ވަރަށް ރަނގަޅު މަސައްކަތްތައް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


 


ގައިދީން ލައްވާ މަސައްކަތްކުރުމަކީ، އެމީހުން މުޖުތަމައު ތެރެއަށް ނިކުންނައިރު، އެމީހުން މަސައްކަތުގެ މާހައުލަށް ހޭނުމަށްޓަކައި ކުރަމުންދާ މަސައްކަތެއްކަމަށާއި، މިއީ ރިހެބިލިޓޭޝަންގެ ތޭރޭގައި ހިމެނޭ ކަމެއް ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް އިތުރަށް ފުޅާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.